21 Jul 2011, 15:00
ރިސޯޓްތަކުން ކުއްޔާއި ޖޫރިމަނާ ނުދައްކާ މައްސަލައިގައި އެ ރިސޯޓްތަކަށް ސަރުކާރުން ލުއިތަކެއް ދީފައިވިއަސް، އެފައިސާ ހޯދުމަށް އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމަށް ފަހަތަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން ބުނެފި އެވެ.
ސަން އަށް ރޭ މައުލޫމާތު ދެއްވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ، ގާނޫނާއި ގަވައިދުގައިވާ ގޮތަށް ކުއްޔާއި ޖޫރިމަނާ ދައްކަމުން ނުދާ ރިސޯޓްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އަދި އެ ރިސޯޓްތަކުގެ މައްސަލަ ކުރިއަށް އޮތް ތަނުގައި ވެސް ކޯޓަށް ވައްދާނެ ކަމަށެވެ.
"މިހާރު ކޯޓަށް ފޮނުވައިފައި ހުރި ރަށްތައް ]ރިސޯޓް ހިންގާ ރަށްތައް[ އަދި ކުރިއަށް އޮތް ތަނުގައި ފައިސާ ނުދައްކައި ޑިއުވާ ]މުއްދަތު ހަމަވާ[ ރަށްތައް ވެސް އަޅުގަނޑުމެން ކޯޓަށް ފޮނުވަމުންދާނަން. އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް އެއްގޮތަކަށް ވެސް ފަހަތަކަށް ނުޖެހޭނަން ސަރުކާރުން ކޮންމެ ގޮތަކަށް އިންސްޓްރަކްޝަން އަޔަސް، ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑުމެން ގާނޫނާއި ގަވައިދުތައް ފޮލޯ ކުރަމުންދާނީ،" ޔަޒީދް ވިދާޅުވި އެވެ.
ޔަޒީދް ވިދާޅުވީ، 10 ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ 20 މިލިއަން ޑޮލަރު ނުދައްކައި އޮތް މައްސަލައައިގައި އަށް ރިސޯޓެއްގެ މައްސަލަ މިހާރު ކޯޓަށް ވައްދާފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު މައްސަލައެއްގެ އަޑުއެހުންތައް ފަށާފައިވާ ކަމަށެވެ.
ގާނޫނާއި ގަވައިދުގައިވާ ގޮތުން ދައުލަތަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް ރިސޯޓްތަކުން ނުލިބެނީސް މީރާ އިން މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީން ކަން ވެސް ޔަޒީދު ދެއްވި އެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި، ހަލާސްކުރަން ޖެހޭނެ ކަމަށް ޓޫރިޒަމުން ފުރަތަމަ ބުނި ނަމަވެސް، އެ މިނިސްޓްރީން ފަހުން ވަނީ އެ މުއްދަތުގެ ތެރޭ ހަމައެކަނި ކުއްޔާއި ޖޫރިމަނާގެ 25 ޕަސަންޓް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި އެފައިސާ ނުދައްކައިފި ނަމަ ރިސޯޓްތަކުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާނެ ކަމަށް ބުނެ ފަހުގެ އިންޒާރު ޓޫރިޒަމުން ދީފައިވެ އެވެ.
ނަމަވެސް، އިއްޔެގެ ނިލަޔަށް ކުއްޔާއި ޖޫރިމަނާގެ 25 ޕަސަންޓް ދައްކަން ޖެހޭ މުއްދަތު ހަމަވިއިރު ހަތް ރިސޯޓަކުން އެ މިންވަރަށް ވެސް ފައިސާ ނުދައްކައި އޮއްވައި، ޓޫރިޒަމުން ވަނީ ހުއްދަ ބާތިލު ނުކުރަން ނިންމައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، ހުއްދަ ބާތިލު ނުކުރަން ސަރުކާރުން ނިންމީ
ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ވަކި މުއްދަތެއްގެ ތެރޭ ދެއްކުމަށް ރިސޯޓްތަކުން އެއްބަސްވެފައިވާތީ އާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ހުއްދަ ހިފެހެއްޓުމަކީ އެފައިސާ ހޯދުމަށް ހަލުއި ކަމެއް އަންނާނެ ކަމެއް ކަމަށް މިނިސްޓްރީ އަށް ނުފެންނާތީ އެވެ.
ނަމަވެސް، މިހާރު އެ ރިސޯޓްތަކަށް ދީފައިވާ ތިން މަސް ދުވަހުގެ ތެރޭ ފައިސާ ނުދައްކައިފި ނަމަ އެ ރިސޯޓްތައް ވިއްކާލައިގެންވިޔަސް ފައިސާ ހޯދަން ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.