06 Aug 2017, 08:56
އަނިޔާގައި ދުވަސްތައް ހޭދަކުރުމަށްފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިސް ކުޅުންތެރިންނަށް އާންމުގޮތެއްގައި އެންމެ އެދެވޭ ކުޅުން ދެއްކޭގޮތް ނުވެއެވެ. އެއީ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނަށް ވެސް ކުރިމަތިލާންޖެހޭ އުނދަގުލެކެވެ. އެހެން ނަމަވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، އަނިޔާގައި ހުރުމާ ގުޅިގެން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައި ވެސް އޭނާއަށް މޮޅު ކުޅުމެއް ދެއްކޭކަން ވަނީ ސާބިތުކޮށްދީފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް، ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ނިއުގެ ފުރަތަމަ 11އިން ދަގަނޑޭ ފެނިގެންދިޔައެވެ. އެ މެޗުގައި ޓީސީގެ މައްޗަށް ނިއުއިން ކުރި ހޯދާފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ނިއުގެ ދަގަނޑޭ ހުއްޓުވުމަށް ޓީސީގެ ބިދޭސީ ޑިފެންޑަރު އީސާ އަލްމަގްރަބީ މަސައްކަތްކުރަނީ: މިރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ ދަގަނޑޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދަގަނޑޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ކޮށްޓުމުގެ ހުނަރުތަކާއި ހަމަލާތައް އަދި އެސިސްޓްތަކެއް ފެނިގެންދިޔައެވެ. ފުރަތަމަ ހާފުގައި ދަގަނޑޭ ހުއްޓުވުމަށްޓަކައި ޓީސީގެ ޑިފެންޑަރުން އޭނާއަށް ހަތަރު ފައުލެއް ކުރިތަން ވެސް ފެނިގެންދިޔައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދަގަނޑޭ ވަނީ ޓީސީގެ ޑިފެންޑަރުންނަށް އުނދަގުލާ ކުރިމަތި ކުރުވައި، ގޯލަށް ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފު ފެށިތަނާހެން ދަގަނޑޭގެ ހަމަލާއެއް ފެނިގެންދިޔައިރު، ހާފު ފެށިތާ ދެ މިނެޓް ފަހުން ނިއުގެ ގަލާޑޯ ވަލްޑޭސް އެޑްރިއަން ލަނޑު ޖަހާފައިވަނީ ވެސް ދަގަނޑޭ ފޮނުވާލި ހަމަލާއެއް ޓީސީގެ ދެ ޑިފެންޑަރެއް ވެގެން ދިފާއު ކުރުމާއެކު ލިބުނު ބޯޅައަކުންނެވެ. އެއަށްފަހު ވެސް ދަގަނޑޭ ވަނީ އޭނާ އާންމުކޮށް، ޑިފެންޑަރުން ތަޅުވާލާ ގޮތަށް ހުނަރުތައް ދައްކާލައިފައެވެ.
ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ދަގަނޑޭ އުފާފާޅުކުރަނީ: ރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ ދަގަނޑޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އަންނަ މަހުގެ ހަ ވަނަ ދުވަހު 32 އަހަރު ފުރޭ، ދަގަނޑޭ ވަނީ އޭނާއަކީ އަދިވެސް ގޯލާ ރައްޓެހި ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ. ޓީސީގެ ބިދޭސީ ޑިފެންޑަރު އީސާ އަލްމަގްރަބީ ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 73 ވަނަ މިނެޓުގައެވެ. ދަގަނޑޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އޭނާއަށެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތީން ނިއުއަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދި ދަގަނޑޭ މިއަހަރު އެކްލަބާ އަލުން ގުޅުނީ މެއި މަހުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ. އޭރު ދަގަނޑޭގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ނިއުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާން ފަށާފައިވަނީ މެއި މަހުގެ ފަހުކޮޅު ކުރި އޮޕަރޭޝަނަށްފަހު މިދިޔަ މަހުގެ ތެރޭގައެވެ.
ނިއުއާ ގުޅުމުގެ ކުރިން ދަގަނޑޭ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ.
މާލޭ ލީގުގެ ފަހު މެޗުގައި އަހަރުގެ މެދުތެރޭގެ ޓްރާންސްފާގައި ގެންނަ ކުޅުންތެރިން ބޭނުންކުރެވޭ ގޮތަށް އޮތް ނަމަވެސް، މާޒިޔާއާ ދެކޮޅަށް ކުޅުނު މާލޭ ލީގު މެޗުގައި ނިއުއިން އޭނާ ބޭނުންކޮށްފައެއް ނުވެއެވެ. އެ މެޗުގައި އޭނާ ފެނިގެންދިޔައީ ނިއުގެ ބެންޗުންނެވެ.
ނިއުގެ ފުރަތަމަ ލަނޑަށްފަހު ގަލާޑޯއާއެކު ދަގަނޑޭ އުފާފާޅުކުރަނީ: ރޭ ޓީސީ އަތުން ނިއު މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދެކުނު އޭޝިއާ ސަރަހައްދުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ، 2006 ވަނަ އަހަރު ކްލަބު ވެލެންސިއާއިންނެވެ. އެފަހަރު އޭނާ ނިއުއަށް 59 މެޗު ކުޅެދީފައިވާއިރު، 30 ލަނޑު ކާމިޔާބުކުރިއެވެ.
އޭގެ ފަހުން ބުރޫނާއީގެ ޑީޕީޕީއެމްއަށް ކުޅުމަށް ފަހު، ރާއްޖޭގެ ވީބީ ސްޕޯޓްސް ކްލަބުގައި ކާމިޔާބު ތިން ސީޒަން ހޭދަކުރިއެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ނިއުއާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އެފަހަރު އޭނާ ވަނީ 2014 ވަނަ އަހަރު މެލޭޝިއާގެ ޕީޑީއާރުއެމްއާ ގުޅުމުގެ ކުރީން ނިއުއަށް 51 މެޗު ކުޅެ 66 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ނިއުގެ މުހިންމު ކުޅުންތެރިންތަކެއް ކަމަށްވާ ދަގަނޑޭ(މ)، ސެންޓޭ(ކ) އަދި ރިލޭ(ވ): ރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ނިއުގެ ސްކޮޑް ވަރުގަދަކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މާލޭ ލީގަށް އެ ކްލަބަށް އަލީ ފާސިރު (ސެންޓޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ގެންދިޔައިރު، އޭގެ ފަހުން ދަގަނޑޭއާއެކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހިމް ފަޒީލް (އޮއްޕޮ) ވެސް ގެނެސްފައިވެއެވެ.
އޮއްޕޮއާއި ދަގަނޑޭގެ އިތުރުން ޕްރިމިއާ ލީގަށް ނިއުގެ ސްކޮޑު ވަރުގަދަ ކުރުމަށް ވެސް އެ ކްލަބުން މަޝްހޫރު ކުޅުންތެރިންތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ގޯލްކީޕަރު މުހައްމަދު ފައިސަލް އަދި ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އަދި ބިދޭސީ ދެ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.