05 Aug 2017, 22:35
މާލެއިން ފުރައިގެން ކ. މާފުއްޓަށް ދިޔަ ލޯންޗެއްގައި ރޭ ދަންވަރު މާފުށީ ޖަލަށް އެތެރެ ކުރަން މަސަތްކަތް ކުރި ތަކެތީގެ ފޮޓޯތައް ފުލުހުން އާންމުކޮށްފި އެވެ.
މީގެ ކުރިން ވެސް ޖަލުތަކުންނާއި ޖަލަށް ވައްދަން އުޅުމުގެ ތެރޭގައި ބައެއް ތަކެތި އަތުލައިގަތްފައިވާއިރު، ރޭ އަތުލައިގަތް ތަކެއްޗަކީ ޖަލަކަށް އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް އެއްޗެހި ވައްދަން އުޅެނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރެވެ.
ފުލުހުން މިއަދު އާއްމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ޖަލަށް ވައްދަން މަސައްކަތްކުރި ދެ ގޯނީގައި ހުރި ތަކެތީގެ ތެރޭގައި ގިނައީ އިލެކްޓްރޯނިކް ސާމާނެވެ.
އިންސިއުލޭޓިން ޓޭޕުން އޮޅައި ބަންދުކޮށްފައި ހުރި ތަކެތީގެ ތެރޭގައި އާދައިގެ 55 ފޯނާއި 47 ސްމާޓް ފޯނާއި އެކު ޖުމްލަ 102 ފޯނު ހިމެނެ އެވެ. ފޯނުތަކުގެ އިތުރުން ދެން ހިމެނެނީ 64 ޗާޖަރާއި 24 ހެޑްސެޓް އާއި ފޯނަށް ލައްވާ 10 ބެޓްރި އަދި އާދައިގެ ހަތަރު ބެޓެރި އެވެ.
އޭގެ އިތުރުން ޕަވަ ބޭންކަކާއި ގަޑިއަކާއި ރިމޯޓަކާއި އޯޑިއޯ ވީޑިއޯ ވާގަނޑެއްގެ އިތުރުން ފަހަތުގައި ޔޫއެސްބީ ޕެންޑްރައިވްއެއް ހަރުކޮށްފައި ހުރި ރައުޓަރެއް ހިމެނެއެވެ.
އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ދެން އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ ތިން ޕެކެޓް ހީނާ އާއި 500 އެމްއެލްގެ ތެޔޮ ފުޅިއެކެވެ.

މާފުށީ ޖަލަށް ވައްދަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން އަތުލައިގަތް ތަކެތި އިންސިއުލޭޓިން ޓޭޕުން އޮޅައި ބަންދުކޮށްފައި --- ފޮޓޯ/ ޕޮލިސް
ރޭ ހިނގި ހާދިސާގައި މާފުއްޓަށް ދަތުރުކުރި ލޯންޗު ޗެކް ކުރަން އުޅުމުގެ ތެރޭގައި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ.
ފުލުސް މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު އެ ލޯންޗުގެ ކައްޕި އާއެކު ޖުމްލަ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިސްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ފުލުހަށް ހަމަލާދިން މީހާ ވެސް ހިމެނެއެވެ.
އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.