މާލެއިން ފުރައިގެން ކ. މާފުއްޓަށް ދިޔަ ލޯންޗެއް ހުއްޓުވައި ޗެކް ކުރަން އުޅުމުގެ ތެރޭގައި އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިން މީހާގެ މައުލޫމާތު ފުލުހުން ހާމަ ކޮށްފިއެވެ.

ރޭ ދަންވަރު 1:30 އެހާއިރު ހިނގި ހާދިސާގައި ޒަހަމްވެފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުންދާ ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާންއަށެވެ. އޭނާއަށް ދިން ހަމަލާ އަމާޒުވެފައިވަނީ އޭނާގެ ކުރިމަތިން ވާއަތު ކޮނޑާ މެއާ ދޭތެރެއަށެވެ. އޭނާއަށް އައިޖީއެމްއެޗުން ފަރުވާ ދެމުންދާއިރު، ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފުލުސް އޮފިސަރު ރައްޒާނަށް ހަމަލާދިނީ ކ. މާލެ، ހ. ކުއްޅަވައްމާގެ އަޒުހަރު އިބްރާހިމް، 31 އަހަރު ކަމަށެވެ. އަދި އޭނާ އަކީ ތަފާތު އެކި ކުށްތަކުގައި ޝާމިލްވެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ފުލުސް އޮފިސަރަށް ހަމަލާދިން މީހާގެ އިތުރުން ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރު ނުފުރޭ ފިރިހެން ކުއްޖެކެވެ.

އެމީހުންނާ ގުޅޭ މައުލޫމާތެއް އަދި ފުލުހުން އާއްމު ނުކުރި ނަމަވެސް، އެ ހާދިސާގެ ތަހުގީގަށް އެ މީހުން މިހާރު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.