އޭސީ މިލާންގެ ކޮލަމްބިއާ ފޯވަޑް ކާލޮސް ބަކާ، އަލުން ސެވިއްޔާއާ ގުޅެން ބޭނުންވާ ކަމަށް އޭނާ އެޖެންޓް ބުނެފިއެވެ.

ބަޔާން މިއުނިކްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި ޔޫރޮޕާ ލީގު ކޮލިފައިންގައި ސީއެސްޔޫ ކްރައިއޯވާއާ ދެކޮޅަށް ކުޅުނު ދެ ލެގުގައި ވެސް މިލާންގެ ޓީމުން ބަކާއަށް ފުރުސަތު ދީފައެއް ނުވެ އެވެ. އެ ސަބަބުތަކާ ހުރެ މި ޓްރާންސްފާ މުއްދަތު ނިމުމުގެ ކުރިން މިލާން ދޫކޮށް ބަކާ ދާނެ ކަމަށް ހަބަރުތައް ބުނަމުންދެއެވެ.

ސްޕެއިންގެ ސެވިއްޔާ ދޫކޮށް، އިޓަލީ މިލާނާ އުމުރުން 30 އަހަރުގެ ބަކާ ގުޅުނީ 2015 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން މިހާތަނަށް ބަކާ ވަނީ އިޓާލިއަން ސެރީއާގައި މިލާނަށް 31 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

"ބަކާ ސެވިއްޔާއާ ގުޅެން ބޭނުންވާކަން އެއީ މިހާރު ރަނގަޅަށް އެނގޭ ކަމެއް. އޭނާ އެ ސިޓީގައި ވަރަށް ރަނގަޅަށް ކުޅެ، ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައިވޭ. މިއީ ކުޅުންތެރިންނަށް ވަރަށް ހާއްސަ އަހަރެއް. ވޯލްޑް ކަޕުގައި ބައިވެރިވުމަށް އޭނާއަށް މެޗުތައް ބޭނުންވޭ،" ބަކާގެ އެޖެންޓް ސާޖިއޯ ބަރިލާ ބުންޏެވެ.

ބަކާގެ އެޖެންޓް ބުނީ، ފިޒިކަލީ ގޮތުން ބަކާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި ވަރުގަދަ ސީޒަނަކަށް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އަދި މިލާނާ ގުޅުނުއިރު އެ ކްލަބާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމުން އެންމެ ފަހު ދުވަހާ ހަމައަށް އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން ވެސް ބަކާ ބޭނުންވާކަން އޭނާގެ އެޖެންޓް ފާހަގަކުރި އެވެ.