ވިދިވިދިގެން ތިންވަނަ ފަހަރަށް އިނގިރޭސިވިލާތުގެ ދުވުންތެރިޔާ މުހައްމަދު ފަރާ (މޯ ފަރާ) 10،000 މީޓަރު ދުވުމުގެ ރަން މެޑެލް ހޯދައިފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 10،000 މީޓަރު ދުވުމުގެ ރަން މެޑެލް، މޯ ފަރާ ހޯދާފައިވަނީ 21 ދުވުންތެރިންނާ ވާދަކޮށްގެންނެވެ.

ފާއިތުވެދިޔަ ހަތް އަހަރު 10،000 މީޓަރު ދުވުމުގެ އެންމެ ކާމިޔާބު ދުވުންތެރިޔާ މޯ ފަރާ، މިއަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ދުވުން ނިންމީ 26 މިނެޓާއި 49.51 ސިކުންތުންނެވެ. މޯ ފަރާ ވަނީ އޭނާގެ އަމިއްލަ ރެކޯޑު މުގުރާލުމާ ގާތަށް ވެސް ޖެހިލައިފައެވެ.

އުމުރުން 34 އަހަރުގެ މޯ ފަރާގެ ފަހަތުން ދެވަނަ އަދި ތިންވަނަ ހޯދި ދެ ދުވުންތެރިން ވެސް ރޭސް ފުރިހަމަކުރީ ވަރަށް ގާތްގާތުގައެވެ. ދެވަނަ ހޯދި ޔުވެންޑާގެ ޖޯޝުއާ ކިޕްރުއީ ޗެޕްޓެގޭ 26 މިނެޓާއި 49.94 ސިކުންތުން ރޭސް ނިންމިއިރު، ތިންވަނަ ހޯދި ކެންޔާގެ ޕައުލް ކިޕެންގެޓިކް ޓާނިއު ރޭސް ނިންމީ 26 މިނެޓާއި 50.60 ސިކުންތުންނެވެ.

މޯ ފަރާ ވަނީ ރަޝިއާގެ މޮސްކޯގައި 2013 ވަނަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕް އަދި 2015 ވަނަ އަހަރު ޗައިނާގެ ބެއިޖިންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގެ 10،000 މީޓަރު ދުވުމުގެ ރަން މެޑެލް ހޯދައިފައެވެ. އޭގެ އިތުރުން އޭނާ ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ގޭމްސްއާއި މިދިޔަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވި އޮލިމްޕިކް ގޭމްސްގެ 10،000 މީޓަރު ދުވުމުން ވެސް ރަން މެޑެލް ހޯދައިފައެވެ.