އެންމެން ތިބީ ކަޅު ހެދުމުގަ އެވެ. މީހުންގެ މޫނު މަތިން ފެންނަނީ ހިތާމަވެރިކަމެވެ. ހާސްކަމެވެ. ރައްޔިތުން ކަނުލައި އަޑު އަހަމުން ދިޔައީ އެއްވުމުގައި އަޑު އުފުލައި ވާހަކަ ދައްކަމުން ދިޔަ މީހާގެ ވާހަކަތަކެވެ. އަސަރުން ފުރިގެންވާ ޖަޒުބާތީ ޝުއޫރުތަކެކެވެ. ސުވާލު އުފައްދަމުން ދިޔައީ އެ ރަށަށް އުފަން، ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް، 25، މަރާލި ސަބަބާ ގުޅޭ ގޮތުންނެވެ. އޭނާގެ ކުށަކީ ކޮބައިތޯ އެވެ. ފުރާފުރިހަމަވެފައި ވަޒީފާ އަދާކުރަމުން ދިޔައީ އަމިއްލަ ދިރިއުޅުމެއް ބިނާކޮށް ޒަވާޖީ ހަޔާތެއް ފެށުމަށެވެ.

މަރުހޫމް އަނަސްގެ އާއިލާގެ އިސްނެގުމުގެ މަތިން ބޭއްވި އެ ސުލްހަވެރި ހިނގާލުމަށް ދިން ނަމަކީ "އިންސާފުގެ ހިނގާލުން" އެވެ. އާންމުކޮށް ރާއްޖޭގައި ބާއްވާ މުޒާހަރާތަކާއި ހިނގާލުންތަކާ ޚިލާފަށް، ތަފާތު މަންޒަރުތަކެއް އެ އެއްވުމުން ފެނިގެންދިޔަ އެވެ. އެ އެންމެންނަށް ވެސް އަނަސް ފެންނަ ފަދަ އެވެ. އެ ބަދަހި ގުޅުމުން ދައްކުވައި ދިނީ ރަށުގެ ކުދި ބޮޑު އެންމެން ވެސް ތިބީ އެ މައްޔިތާއާއެކުގަ އެވެ.

އަނަސްގެ މަރަށް އިންސާފު ހޯދަން ގޮވާލުން: ދުއާ ކުރި ވަގުތު ގިނަ ބަޔަކަށް ރޮވުނު-- ފޮޓޯ/ ނާޝިތު

އެ ހިނގާލުމުގައި ތަކުރާރުކޮށް މަރުހޫމް އަނަސް އާއި އެފަދަ އަނިޔާވެރި ޖަރީމާތަކުގައި މަރާލާފައިވާ މީހުންގެ، ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެރަށު ރައްޔިތުން ގޮވާލިއެވެ. މަޑުމައިތިރިކަމާއި މޮޅުވެރިކަމުން ފުރިގެންވާ ލޯތަކުން ކަރުނަ ތިކިތައް އޮހޮރިގެން ދިޔައީ އަނަސްގެ ފުރާނައަށް ރަޙުމަތްލައްވައި ޝަހީދެއްގެ ދަރަޖަ ދެއްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ﷲގެ ހަޟްރަތަށް ދެ އަތް އުފުލައި ކުރި ދުޢާގައެވެ. މީދޫގެ އެންމެހައި ރައްޔިތުން ބައިވެރިވި އެ ދުއާގައި ދިވެހި ޒުވާނުން، ނުބައިވެގެންވާ މުންކަރާތްތަކާއި، ﷲ ނަހީ ކުރެއްވި ހުރިހާ ކަންކަމުން ދުރުކޮށް ދެއްވުން އެދި ދުޢާ ކުރި އެވެ. އަދި އެކަލާނގެ ޙުރުމަތްތެރި ކުރައްވާފައިވާ ފުރާނަތައް އެއްވެސް ކުށަކާ ނުލައި ގަތުލުކޮށްލާ ފަރާތްތަކަށް ދުނިޔޭގައި ޢަދުލުވެރި ޖަޒާ ދެއްވައި އެފަދަ ފަރާތްތަކަށް ދުނިޔެ މަތީގައި ހެޔޮ މަގު ދެއްކެވުމަށް އެދި ވެސް ދުއާކޮށްފައިވެއެވެ.

އެ ދުޢާއަށް ގެނބިގެން ގޮސް މަރުހޫމް އަނަސްގެ ފުރާނައަށް ރުއްސުންލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ﷲގެ ހަޟުރަތުގައި އެދެވުނު ހިނދު ހިނގާލުމުގެ ބައިވެރީންގެ ކެތްތެރިކަން ކޮޅުންލައި ކަރުނަތައް ފައިބައިގެން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. އަނަސްގެ އާއިލާއަށް ކެތް ތެރިކަން މިންވަރުކުރައްވައި، ސާބިތުކަން ދެއްވުން އެދި ދުޢާ ދެންނެވި ހިނދު ދުޢާ ކުރުމުގައި އިސްވެ ހުންނެވި މީހާއަށްވެސް ރޮވުނެވެ. އެކަމުންވެސް ދޭހަ ވެގެންދަނީ އަނަސްގެ މަރާ ގުޅިގެން އެ ރަށު ރައްޔިތުންގެ ހިތްތަކަށް ލިބިފައިވާ ޒަޚަމުގެ ފުން މިނެވެ.

އަނަސްގެ މަރަށް އިންސާފު ހޯދަން ގޮވާލުން: ދުއާ ކުރި ވަގުތު ގިނަ ބަޔަކަށް ރޮވުނު-- ފޮޓޯ/ ނާޝިތު

މަރްހޫމް އަނަސް އަށް ވަޅިން ހަމަލާދީފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ހަދީބީމަގުގައި ހުންނަ ސައިކަލް ސާވިސް ސެންޓެރެއް ކަމަށްވާ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގަ އެވެ. އޭނާގެ ގައިގެ 37 ތަނަކަށް ވަޅި ޖަހާފައިވާއިރު އަނަސް ދުނިޔެއާ ވަކިވީ އޭޑީކޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން ދަނިކޮށެވެ.

އަނަސްގެ މަރާ ގުޅިގެން މިއަދު މީދޫގައި ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން -- ފޮޓޯ: މީދޫ ޓައިމްސް