އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވަމުން، މައްޗަން ގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، ބިލު ހުށަހެޅުމުގެ މަގުސަދަކީ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުން ކަމަށެވެ. އަދި މި ބިލު ފާސްވުމުން ލޯކަލް އިންވެސްޓްކަމެންޓްގެ ގަވާއިދާއި ވިޔަފާރީގެ ނަން ރަޖިސްޓްރީ ކުރުމުގެ ގަވާއިދު އުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ޗާޕްކުރާ ތަންތަނުގެ ރަޖިސްޓްރީ އާއި ފިލްމު ކުއްޔަށްދޫކުރާ ތަންތަނުގެ ރަޖިސްޓްރީ އާއި ސިނަމާ ފަދަ ތަންތަނުގެ ރަޖިސްޓްރީ އާއި ލޯކަލް އިންވެސްޓްމަންޓްގެ ރަޖިސްޓްރީ އުވާލައި އެ ހުރިހާކަމެއް އަމިއްލަ ފަރުދުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ އުސޫލު ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދޅާވި އެވެ.

ތިރީސް ހަތަރު މާއްދާގެ އެ ބިލުގައިވާ ގޮތުން އެކަކުގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނީ އަމިއްލަ އެއް ވިޔަފާރި އެވެ. އަދި ގާނޫނާ ހިލާފްވާ ފަރާތެއް އެފަރާތެއް ކުރި ކުށެއްގެ ކުޑަބޮޑު މިނަށް ބަލައި 10000 ރުފިޔާ އާއި 100000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެ އެވެ.

ބިލުގައި ބުނާ ގޮތުން އަލަށް އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމަށާއި ރަޖިސްޓްރީ އާ ކުރުމަށް 500 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ. އަދި ރަޖިސްޓްރީގައިވާ މައުލޫމާތު އިސްލާހް ކުރުމަށާއި ނަން ބަދަލު ކުރުމަށާއި ސިއްކަ ބަދަލު ކުރުމަށް 100 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި އަމިއްލަ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ މަސައްކަތަށް ރަޖިސްޓްރާ އޮފް ބިޒްނަސަސްގެ މަގާމު އުފައްދަން ޖެހޭ ކަމަށާއި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކޮށްދެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ވެސް އެބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި، ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި ކުންފުނިތަކަކާއި ޖަމްއިއްޔާތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކެއް ނުހިމެނޭނެ އެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، ބިލު ހުށަހެޅުވި މެންބަރަށް މަރުހަބާ އާއި ޝުކުރު ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

"ކިތަންމެ ރީޗަކަށް ފަރުމާކޮށްފައި އޮތަސް މިބިލު ރައްޔިތުންނަށް ވެގެންދާނީ އިތުރު ދައްޗަކަށް، ވޭނަކަށް. މިކަމުގެ އަސްލު މަގްސަދަކީ ރައްޔިތުން އަޅުވެތި ކުރުން،" މުއްތަލިބު ވިދާޅުވި އެވެ.

އެހެން ބައެއް މެންބަރުން ވިދާޅުވީ، ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ އަތުން އިތުރު ޓެކްހެއް ނެގޭ ގޮތަށް ކަންކަން ކުރަންވާނީ މިހާރު ނަގަމުންދާ ޓެކްހަށް ބަލައި އިތުރަށް ސަރުކާރަށް ފައިސާ ބޭނުންވާ ވަރު ބަލައިގެން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.