ބޮމެއް އޮތް ކަމަށް ބުނެ، ބިރުވެރިކަން އުފެއްދި މީހަކު ލ. ކައްދޫ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެ މީހާ އެކަން ކުރީ ގަސްތުގައި ކަމެއް، އަދި މަޖަލަކަށް ކަމެއް ކަމަށް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ބޮމެއް އޮތް ކަަމަށް ބުނެ، ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކުރުމަކީ ޓެރަރިޒަމްގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު: 13 ވަނަ މާއްދާ

  • ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމަކީ ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރު ދެއްކުމަކީ ކުށެކެވެ.
  • މި މާއްދާގައި "އިންޒާރު ދިނުން"ގެ މާނާގައި މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ޒަރީއާއެއް ބޭނުންކޮށްގެން، ލިޔުމުން ނުވަތަ އަނގަބަހުން ދެވޭ އިންޒާރު ހިމެނެ އެވެ.
  • މި މާއްދާގައި ބަޔާން ކުރާ ކުށްކޮށްފި މީހެއްގެ އަދަބަކީ ހަތަރު އަހަރާއި 6 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.