ކުރިމިނަލް ކޯޓުގެ އަމުރަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުން އެ މައްސަލަ ބަލައިގަތުމަށް ދެކޮޅު ހަދާފައިވާކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނު ބުނާ ގޮތުން އެއްވެސް އިދާރާއެއްގެ ހުށެހެޅުމެއް ނެތި ޕާސްޕޯޓް ހިފިހެއްޓުމަށް އަމުރު ނެރުމަކީ އެއްވެސް ކޯޓަކުން ކުރެވޭނެ ކަމައް ނޫން ކަމަށެވެ.

ނަމަވެސް އެ ބަޔާނުގައި ބުނެފައިވަނީ ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރިމިނިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކޮށްދޭން ހައިކޯޓްގައި އެދުމުން ހައިކޯޓުން އެ މައްސަލަ ބަލައިގަތުމަށް 'އިންކާރު'ކޮށްފައިވާކަމަށެވެ.

ގާސިމް އަކީ ދިގުމުއްދަތަކަށް ހިތާއި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެއްކަން ހާމަކޮށް އެ ބަޔާނުގައި ބުނީ ސަރުކާރު މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އަމިއްލަ އެހެން ހޮސްޕިޓަލް ތަކުން ވެސް ކުރެވެން ނެތް އޮޕަރޭޝަނެއް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ލިއުން ދީފައިވާ ކަމަށެވެ. އަދި އޮޕަރޭޝަންނުކޮށް ލަސްކޮށްފި ނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"އެޑޮކްޓަރު މިހާރު ލަފާދީފައިވަނީ އެމަނިކުފާނުގެ ހިތުގެ ކޮންޑިޝަނަށް ފަރުވާ ދިނުމަށްޓަކައި އީ.ޕީ.އޭ + އާރު.އެފް.ޕީ ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް. އެ އޮޕަރޭޝަން ދިވެހިރާއްޖޭގައި ހެދެން ނެތެތީ، އޮޕަރޭޝަންކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް." ގާސިމްގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ކުރަމުން އަންނަ ދައުވާތަކާއި ގުޅިގެން ބާއްވަމުންއަންނަ ޝަރީއަތްތަކުގައި އެމަނުކުފާނުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކުރައްވާފައިވާ އަމުރު މުރާޖަޢާކޮށްދެއްވުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ޕާސްޕޯޓް ހިފެހެއްޓުމަށް ކުރައްވާފައިވާ އަމުރާގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބެއްލެވި ގާޟީ ވިދާޅުވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް މިއަދާ ހަމައަށް ކޯޓުން އަދިވެސް ގާސިމްގެ ޕާސްޕޯޓް ދޫކޮށްފައިނުވާތީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށް ވީއެންމެ އަވަހަކަށް އެމަނިކުފާނުގެ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިފައެވެ.