05 Aug 2017, 12:42
މާލެއިން ފުރައިގެން ކ. މާފުއްޓަށް ދިޔަ ލޯންޗެއް ހުއްޓުވައި ޗެކް ކުރަން އުޅުމުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ފުލުސް މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއިި އޭނާއަށް ހަމަލާދޭން ބޭނުން ކުރި ވަޅި މޫދުން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ދަންވަރު 1:30 އެހާއިރު ހިނގ ެހާދިސާގައި ޒަހަމްވެފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރަމުންދާ ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާންއަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ރައްޒާނަށް ދިން ހަމަލާ އަމާޒުވެފައިވަނީ އޭނާގެ ކުރިމަތިން ވާއަތު ކޮނޑާ މެއާ ދޭތެރެއަށެވެ. އެ ޒަހަމްތަކަށް މާފުށީ ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު ރޭ ދަންވަރު ވަނީ އިތުރު ފަރުވާއަށް މޭލެ ގެނެއިސް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ރައްޒާން އަދި ވެސް އޮތީ އައިސީޔޫގައި ކަމަށާއި ނަމަވެސް އޭނާގެ ހާލު މަޑަމަޑުން ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި ފުލުހުންނާއި ކަރެކްޝަންގެ އޮފިޝަރުނެގް ގުޅިގެން ފުލުސް މީހާއަށް ހަމަލާ ދޭން ބޭނުންކުރި ވަޅި މޫދުން ހޯދާފައިވާ ކަމަށެވެ.
ރޭގެ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން މާފުއްޓަށް ދާ ލޯންޗަކުން އެއްޗެހިތަކެއް މާފުށީ ޖަލަށް އެތެރެކުރުމަށް އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މައްސަލައާއި ގުޅިގެން މާލެއިން މާފުއްޓަށް އައި ލޯންޗުގެ ކެޕްޓަނާއި އެ ލޯންޗުގައި އެވަގުތު ތިބި51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ފިރިހެން ދެ ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.ރައްޒާނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހާވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެވެ..އަދި މާފުއްޓަށް އައި ލޯންޗާއި މާފުށީ ޖަލަށް އެތެރެކުރުމަށް ގެނައި ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.