05 Aug 2017, 10:17
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު އައި ފަހުން 574 މީހުންނަށް ވަޒީފާ ދީފަ ވާނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ން ބުނެފި އެވެ.
ސަންޓީވީގެ 50 މިނިޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޯޕަރޭޝަނުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހްމަދު މަމްދޫހް ވިދާޅުވީ، މި ސަރުކާރު އައި ފަހުން އެ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާނެ ކަމަށާއި، އެ މީހުންގެ ތެރެއިން 70 ޕަސަންޓު މީހުންނަކީ ޒުވާނުން ކަމަށެވެ.
އެމްއާރުޑީސީން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން މަމްދޫހް ވިދާޅުވީ، އެ ކޯޕަރޭޝަން އަސްލު އުފަންވީ މި ސަރުކާރުގައި ކަމަށެވެ.
"އެމްއާރުޑީސީ އަސްލު އުފަންވީ މި ސަރުކާރު އައިފަހުން. އެމްއާރުޑީސީ ބްރޭންޑެއްގެ ގޮތުގައި އައީވެސް މި ސަރުކާރު އައި ފަހުން،" އޭނާ ވިދާޅުވި އެވެ.
މަމްދޫހް ވިދާޅުވީ، ސިޔާސީ ކަންތައްތަކުގެ ސަބަބުން ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކަށް ހުއްޓުމެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ނެތް ވަގުތެއް މި ބޭފުޅުން މިދައްކަވާ ވާހަކަތަކަށް ޖަވާބުދާރީވާކަށް. އަޅުގަނޑުމެން ބޭނުންވަަނީ ތަރައްގީއާއިގެން ކުރިއަށްދާން. ތަރައްގީ ކުރަން،" އޭނާ ވިދާޅުވި އެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި މަގުތައް ހެދުމުގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަން ފާހަގަ ކުރައްވައި މަމްދޫހް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މަގުހެދުމުގެ މަޝްރޫއުތައް ކުރިއަށް ދާ ކަަމަށެވެ. އަދި ބައެއް ރަށްރަށުގެ މަސައްކަތްތައް ނިންމާފައިވާކަން ފާހަގަ ކުރެއްވި އެވެ.
އެގޮތުން އައްޑޫ ސިޓީ ހުޅުމީދޫގެ "ފޭސް 2"، އާއި، ގދ. ތިނަދޫ، ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫގެ އިތުރުން ތ. ވިލުފުށީގެ މަގު ހެދުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ހއ. ދިއްދޫއާއި ހދ. ކުޅުދުއްދުށި މަގު ހެދުމުގެ 85 ޕަސަންޓު ނިމިފައިވާ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ދެރަށުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މަމްދޫހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށްރަށުގެ އިތުރުން ފަސް ރަށެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
މަމްދޫހްގެ ވާހަކަފުޅުގައި 66 ރަށެއްގައި ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެެރެއިން 33 ރަށެއްގެ ފުޓްސަލް ދަނޑުގެ ސިވިލް މަސައްކަތްތައް ނިންމާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާގެ ވާހަކަފުޅު ނިންމާލާފައިވަނީ، ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށާއި ރައްޔިތުން ހާސްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.