އަދާލަތު ޕާޓީން އަންގާ ގޮތަށް ރާއްޖެ އަށް އިސްލާހީ ފިޔަވަޅުތައް ސަރުކާރުގެ ނާޅުއްވައިފި ނަމަ ވެރިކަން ކުރާ އެމްޑީޕީގެ ސަރުކާރުގެ ކޯލިޝަންގައި އަދާލަތު ޕާޓީ އޮތުމަކީ ގައުމުގެ ހައްގުގައިވެވޭ ހިޔާނާތެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ އިސް ތަރުޖަމާން ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދު ރޭ ވިދާޅުވެއްޖެ އެވެ.

ހަތަރު ދުވަހަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ އަދާލަތު ޕާޓީގެ ދެ ވަނަ ގައުމީ ޖަލްސާ ނިންމާލުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީ ބައިވެރިވެގެން އުފެއްދި ސަރުކާރުގައި މިއަދު ދިވެހި ރައްޔިތުން ހިތްނޭދޭ އެތައް ކަންތައްތަކެއް ހިގަމުންދިއުމަކީ "އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހިތި ހަގީގަތެއް" ކަމަށެވެ. އަދި ދިވެހިންގެ ދީނީ ކަންތައްތަކާއި އަދި ސިޔާސީ ދާއިރާ އާއި އިޖުތިމާއީ ނިޒާމާއި ސިއްހީ އަދި ތައުލީމުގެ ދާއިރާގައި ފަސާދަ ކުރަނިވި ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެ މައްސަލަތައް ދިރާސާ ކުރުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް އެ ކަންތައްތައް އަދާލަތު ޕާޓީން ގެންނަން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ހާއްސަކޮށް ރާއްޖޭގެ ދީނީ ކަންތައްތަކަށް ދިމާވާ މައްސަލަތައް ބަލައި ދިރާސާ ކުރަން އެބަޖެހޭ. މިސްކިތްތަކަށް ދިމާވެފައިވާ ދަތިތައް ބަލަން އެބަޖެހޭ. އިސްލާމިކް މިނިސްޓްރީ އަށާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށާއި ކުއްލިޔަތުލް ދިރާސާތުލް އިސްލާމިއްޔާ އަށާއި އަރަބިއްޔާ އަށާއި މިނޫން ވެސް އިސްލާމީ މުއައްސަސާތަކާއި ކުރިބޯށިތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތި ކުރެވިފައިވާ ދަތިތައް ނުބެލި ތިބެވޭކަށެއް ނެތް. ސިއްހީ ދާއިރާ އާއި ތައުލީމީ ކަންކަމާއި އިޖުތިމާއީ ދިރިއުޅުމާއި ތަކެތީގެ އަގު އުފުލިގެންދިއުމާ ސަރުކާރުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ އަމަލްތަކާއި އަދި ހޮސްޕިޓަލްތަކުގެ އަޅާލާނެ ބަލި މީހަކު ނެތް މީހުންގެ ޚަބަރު ވެސް އަދާލަތު ޕާޓީގެ ރައީސް ބައްލަވަން އެބަޖެހޭ.. މިކަން ހައްލު ކުރުމަށް )ރައީސް ނަޝީދަށް( ދަންނަވަން އެބަ ޖެހޭ. މިކަންކަމާ މެދު ސަރުކާރުން އެޅުއްވެން ހުރި އިސްލާހީ ފިޔަވަޅުތައް ސަރުކާރުން ނާޅުއްވައިފި ނަމަ، ސަރުކާރުގެ ކޯލިޝަންގައި އަދާލަތު ޕާޓީ އޮތުމަކީ ގައުމުގެ ހައްގުގަވެވޭ ހިޔާނާތަކަށް ނޫނީ ނުވާނެ،" ސަރުކާރުގައި ހުންނެވި އިރު ވެސް ބަހުގެ ހަމަލާތައް އެމްޑީޕީ އަށް ދެއްވަމުން ގެންދަވާ ޝަހީމް ރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީއާ އެކު އަދާލަތު ޕާޓީން ވެފައިވާ އެއްބަސްވުމަށް މިއަދާ ހަމައަށް ވެސް އެއްވެސް ގޮތަކަށް އަމަލްކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލާގައި އެމްޑީޕީގެ އާ ލީޑާޝިޕުގެ ބޭފުޅުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދަންކަވަން ޖެހޭނޭ ކަމަށެވެ. އަދި ސުލްހަވެރިކަމުގެ މަޝްވަރާތަކާ އެކު، އެކަށީގެންވާ މުއްދަތެއްގައި ފިޔަވަޅު ނާޅުއްވައިފި ނަމަ އަދާލަތުގެ ވިސްނުން އެހެން ގޮތަށް ބައްޓަން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑިޕީން ވެރިކަމާ ހަވާލުވި ފަހުން ތިންބާރު ވަކިކުރެވިފައިވާ ފުރިހަމަ ޑިމޮކްރަސީގެ ތެރެއަށް ބާރު ފޯރުވުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

"އިގްތިސާދީ ދޮރާށިތައް ބޭރުގެ ނުފޫޒު ގަދަ ބައެއްގެ ފަރާތްތަކެއްގެ އަތްމައްޗަށް ދިއުމަކީ ފަހަރެއްގައި ވެސް އަދާލަތު ޕާޓީން ގަބޫލުކުރާ ފަލްސަފާއެއް ނޫން. ދިވެހި ދައުލަތުގެ އަދުލުގެ ނިޒާމަށް ބިރުދައްކައި އިންޒާރުދީ ހެދުމަކީ އެއްވެސް ހާލެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން. ޒާތީ ހަސަދަ އާއި ރުޅިވެރިކަން ކުރިއަށް ނެރެ، ނުރުހުމުގައި މީހުންގެ މުދަލާއި ގޯތި ގެދޮރު ފޭރި ދައުލަތަށް ނެގުމަކީ އެކަމުގެ މައްޗަށް އަދާލަތު ޕާޓީން ފަހަރެއްގައި ވެސް ސުކޫތުވެ[މަޑުން ތިބުން] އޮންނާނެ ކަމެއް ނޫން. ކޮރަޕްޝަންގެ އަމަލްތަކާ މެދު އެކަމާ ގުޅޭ މުއައްސަސާތަކުން ނިންމާ ނިންމުމަށް އިހްތިރާމް ނުކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް. ދައުލަތުގެ މީޑިއާ ހިސޯރަ ކުރުމަކީ ދައްކަމެއް،" ޝަހީމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުން އާންމުވެފައިވާ ކަމަށެވެ. އަދި ބޭނުން ދީނަކަށް އުޅުމުގެ މިނިވަން ކަމާއި ޣައިރު މުސްލިމުންނަށް އެ މީހުންގެ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ދޭން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން އަޑު އުފުލަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް އައިސްފައިވާ ބަދަލުތަކާއި ސިޔާސީ މަސްރަހު އޮތް ގޮތުން "އަޅުގަނޑުމެން ރުހުނަސް އަދި ނުރުހުނަސް" އެ ބަދަލުތައް ރާއްޖެ އަށް އަންނަމުންދާނެ ކަމަށެވެ. އެހެންކަމުން ދީނީ އަދި އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް މިއަދު ކުރިމަތިވެފައިވާ ކަމަށާއި ހުރިހާ ނުބައިކަމެއް ހައްދުފަހަނަޅާފައިވާ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ.