އިނގިރޭސިވިލާތުގެ ލަންޑަނުގައި ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ ޕްރިލިމަރީ ބުރު ފަހަނައަޅާ ދިއުމަށްފަހު، ފުރަތަމަ ބުރުގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެ އިވެންޓާ އަލްވަދާއު ކިޔައިފި އެވެ.

މިދިޔަ މަހު އޭޝިއާގެ ހަތަރު ވަނައަށް އެންމެ ބާރު ދުވުންތެރިޔާގެ މަގާމު ހޯދި ސާއިދު، ވޯލްޑް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގައި ވާދަކޮށް ފުރަތަމަ ބުރުން ޖާގަ ހޯދި އެވެ. ފުރަތަމަ ބުރުން ސާއިދު ޖާގަ ހޯދީ ޕްރިމިލިމިނަރީ ބުރުގައި އޭނާ ދުވި ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ.

ފުރަތަމަ ބުރުގެ ހީޓް ތިނެއްގައި ވާދަކޮށް، ސާއިދު ރޭސް ނިންމީ ހަތްވަނާގަ އެވެ. އެ ހީޓުގައި އަށް ދުވުންތެރިން ވާދަކުރާގޮތަށް އޮތް ނަމަވެސް، އެއް ދުވުންތެރިޔަކު ވާދަކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެ ހީޓުގައި ދުވެފައި ވަނީ ހަތް ދުވުންތެރިންނެވެ.

ފުރަތަމަ ބުރުގެ ހީޓް ތިނެއްގެ ހަތްވަނާގައި ނިންމި ސާއިދު ރޭސް ފުރިހަމަކުރީ 10.45 ސިކުންތުންނެވެ. އެ ހީޓުން ސެމީ ފައިނަލުގެ ޖާގަތައް ހޯދާފައިވަނީ 9.99 ސިކުންތުން ރޭސް ފުރިހަމަކުރި ޖެމެއިކާގެ ޖޫލިއަން ފޯޓޭއާއި 10.02 ސިކުންތުން ރޭސް ނިންމި އައިވަރީ ކޯސްޓްގެ ބެން ޔޫސުފް މެއިޓޭ އަދި 10.03 ސިކުންތުން ރޭސް ފުރިހަމަކުރި އިނގިރޭސިވިލާތުގެ ރީސް ޕްރެސްކޮޑްއެވެ. އެ ތިން ދުވުންތެރިންނަކީ އެ ހީޓުގެ ގަދަ ތިނެއްގައި ނިންމި ތިން ދުވުންތެރިންނެވެ.

ހީޓު ތިނެއްގައި ދެން ވާދަކޮށްފައި ވަނީ ސައުތު އެފްރިކާގެ އަކާނީ ސިމްބައިންއާއި ސުވިޒަލެންޑްގެ އެލެކްސް ވިލްސަން އަދި ބާބަޑޯސްގެ މާރިއޯ ބުރްކޭއެވެ. އެ ހީޓުގެ އެއްވަނާގައި ރޭސް ފުރިހަމަކުރި ޖެމެއިކާގެ ޖޫލިއަން ފޯޓޭއަކީ ފުރަތަމަ ބުރުގެ ހަ ހީޓުގެ ތެރެއިން އެންމެ އަވަހަށް ރޭސް ފުރިހަމަކުރި ދުވުންތެރިޔާ އެވެ. ހީޓް ހައެއްގެ އެއްވަނަ ހޯދި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސައިން ބޯލްޓް ރޭސް ފުރިހަމަކޮށްފައި ވަނީ 10.07 ސިކުންތުންނެވެ.

ސާއިދަކީ ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް އޮންނަ ދުވުންތެރިޔާއެވެ. އޭނާ އެ ރެކޯޑު ގާއިމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭފްރީލް މަހު އެމްވީޕީ ޓްރެކް އެންޑް ފީލްޑް މީޓިންގައި 10.33 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ އިތުރުން 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ ރެކޯޑު ވެސް އޮންނަނީ ސާއިދު އަތުގައެވެ.