މަގުމަތިވެ ހަވާސާ ވެފައިވާ ޒުވާނުން ކުރާ ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް އެމީހުންގެ ގައިގާ ޓެގް އަޅުވައިގެން އެކަމެއް ނުހުއްޓުވޭނެ ކަމަށާއި އޭގެ ބަދަލުގައި އެމީހުންނަށް ދޭންވީ އިސްލާމީ ތަރުބިއްޔަތު ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

"ހުކުރު އުފާ"ގެ ނަމުގައި މިއަދު ފެށި ދީނީ ފެސްޓިވަލުގެ ދަށުން އިސްލާމީ މަރުކަޒުގެ މައިދާނުގައި މިރޭ ބޭއްވި ފުރަތަމަ ދަރުހުގައި "ފުރާނައަށް ދިރުން ދޭށެ" މައުޟޫއަށް ތަގުރީރު ކުރައްވަމުން އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޝަހީމް ވިދާޅުވީ، މިހާރު ޒުވާނުންގެ ތެރޭގައި މާރާމާރީ ހިންގާ އެކަކު އަނެކަކު މަރާ ހެދުމަކީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ، އެކަންމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެފަދަ އަމަލުތައް ހިންގާ ޒުވާނުންގެ ގައިގައި ޓެގް އަޅުވައިގެން އެކަމެއް ނުހުއްޓުވޭނެ ކަމަށެވެ. އެކަން ހުއްޓުވޭނީ ޝަހީމް ވިދާޅުވި ގޮތުގައި، އިސްލާމީ ތަރުބިއްޔަތު އެމީހުންނާ ހަމައަށް ވާސިލް ކޮށްދީގެންނެވެ. އެކަމުގައި ދީނީ އިލްމުވެރިން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފުރާނައަށް ދިރުން ދޭށެ" މައުޟޫއަށް އަށް މިރޭ ބޭއްވި ދަރުހުގެ ތެރެއިން --- ފޮޓޯ/ އަސުރުމާ

"ހަވާސާވެފައިވާ ޒުވާނުންގެ އަތްފައިގަ ޓެގްއަޅުވައިގެން މިކަމެއް ނުހުއްޓުވޭނެ. މިކަން ހުއްޓުވޭނީ އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން. އެމީހުންނާ ހަމައަށް ވާސިލްވެގެން. ހެޔޮ ބަސް ބުނެގެން. އެމީހުން މުޖުތަމައުގައި ބައިވެރި ކޮށްގެން. އިގްތިސާދީ ގޮތުން ފުދުންތެރިކަމާއި ވަޒީފާ ފަހިކޮށްދީގެން. މިއީ ދީނުގައި ބުނެދީފައި އޮތްގޮތް،" ޝަހީމް ވިދާޅުވިއެވެ.

މިރޭގެ މައުޟޫއަށް އިޝާރާތް ކުރައްވާ ޝަހީމް ވިދާޅުވީ، އިންސާނެއް އަދި ޖަނަވާރެއްގެ ފުރާނަ ނަމަވެސް ފުރާނައަކީ އިސްލާމްދީނުގައި ނުހަނު މަތިވެރި މަގާމެއް މާތްﷲ ދެއްވާފައިވާ އެއްޗެއް ކަމަށެވެ. އަދި ކޮންމެ މަހުލޫގެއްގެ ފުރާނައަށް ވެސް މާތްކޮށް ހިތާ އިހްތިރާމް ކުރުމަކީ މާތްﷲ އަމުރު ކުރައްވާފައިވާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ، ހައްގަކާ ލައިގެން މެނުވީ ފުރާނައެއް ދުއްވާނުލުމަށް މާތްﷲ އެންމެހާ މުއުމިނުންނަށް މަތިވެރި ވަސިއްޔަތެއް ކުރައްވާފައިވާއިރު، އެ ވަސިއްޔަތަށް ރައްކާތެރިކޮށް ދަމަހެއްޓުމަށް ފުރާނައަށް ކަމޭހިތާ ރައްކާތެރިކުރުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް މާތްﷲ ލާޒިމު ކުރައްވާފައިވާ ކަމެއް ކަމަށެވެ.

"ފުރާނައަށް ދިރުން ދޭށެ" މައުޟޫއަށް އަށް މިރޭ ބޭއްވި ދަރުހުގައި ޑރ. ޝަހީމް ތަގުރީރު ކުރައްވަނީ --- ފޮޓޯ/ އަސުރުމާ

"އާލަމްތަކަށް ރަހުމަތެއްގެ ގޮތުގައި ބާއްވާލެއްވި ޝަރީއަތް ކަމަށްވާ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވޭ ފުރާނައަށް ގަދަރު ކުރުމަށް އިންސާނާއަކީ ކަރާމާތްތެރި މަހުލޫގެއް ކަމުގައި ބަޔާން ކުރައްވާފައިވޭ. އެއީ ކޮންމެ ދީނެއްގެ ކޮންމެ ސަގާފަތެއްގެ އަހުލުވެރިއެއްގެ ކަމުގައި ވިޔަސް އޭނޭގެ ފުރާނައަކީ ގަދަރު އުފުލިގެންވާ އެއްޗެއް. އޭނާގެ ފުރާނަ ދުއްވާލައިގެން ނުވާނެ. އެއީ އިސްލާމްދީނުގެ ވަސިއްޔަތަކީ އަޅުނގަޑުމެންނަށް،" ޝަހީމް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނުގައި މާތްﷲ ބަޔާންކުރައްވާފައިވާ ބަސްފުޅަކަށް އިޝާރާތްކުރައްވާ ޝަހީމް ވިދާޅުވީ، ގަސްދުގައި ނުހައްގުން މުއުމިނަކު މަރައިފިނަމަ އޭގެ ޖަޒާއަކީ ނަރަކަ ކަމަށެވެ. އަދި އެތަނުގައި މާތްﷲގެ ކޯފާ އާއި ލައުނަތް އެމީހަކަށް ލައްވާއިރު ބޮޑުވެގެންވާ އަޒާބު ތައްޔާރުކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންކަމުން މީހަކު ނުހައްގުން މަރާލުމާއި އެ މެރުމުގައި ބައިވެރިވުމާއި އެ މެރުމަށް ހަރަދު ކުރުމާ އެ މެރުމަށް މަޝްވަރާ ދިނުމާ މި ހުރިހާ ކަމަކީ މާތްﷲގެ ލައުނަތުގެ ތެރޭގައި ހިމެނޭ ކަންތައްތައް އެކަމުން މުއުމިނުން ދުރުވާން ޖެހޭނެ،" ޝަހީމް ވިދާޅުވިއެވެ.

"ފުރާނައަށް ދިރުން ދޭށެ" މައުޟޫއަށް އަށް މިރޭ ބޭއްވި ދަރުހުގެ ތެރެއިން --- ފޮޓޯ/ އަސުރުމާ

މިރޭގެ ދަރުހުގައި ތަގުރީރު ދެއްވަމުން ޝަހީމް ވަނީ އިސްލާމީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަރުގެ އަދަބު ތަންފީޒު ކުރަން އުޅުމުން ބައިނަލްއަގްވާމީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމަށް ރައްދު ދެއްވާފައެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ސިޔާސީ އިގްތިސާދީ އަދި އަސްކަރީ ބާރުތަކުން އެއްެވެސް ކޯޓެއްގެ ހުކުމެއްނެތި އެތައް މައުސޫމް މުސްލިމުންނެއް މަރަމުންދާއިރު އެކަމާ ކަންބޮޑުވާނެ ފަރާތެއް ނެތް ކަމަށެވެ.

އަދި ވިދާޅުވީ، އިސްލާމީ ހުކުމެއް ތަންފީޒު ކުރަން ބަޔަކު ދެކޮޅު ހަދާ ބަސް ބުނިނަމަވެސް މުސްލިމުންގެ މައްޗަށް އޮތް މަސްއޫލިއްޔަތަކީ ދީނުގައި ސާބިތުވެ ހިފެހެއްޓުން ކަމަށެވެ. އެގޮތުން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ އިސްލާހަށާއި އިސްލާމީ ތަރުބިއްޔަތު ޖީލުތަކަށް ފަތުރާ މީހެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

"ފުރާނައަށް ދިރުން ދޭށެ" މައުޟޫއަށް އަށް މިރޭ ބޭއްވި ދަރުހުގައި މެޑަމް ފާތުމަތު އިބްރާހިމް --- ސަން ފޮޓޯ/ އަސުރުމާ

އަދި އެ މަސައްކަތުގައި ދީނީ އިލްމުވެރިން އިސް ދައުރެއް އަދާކޮށް މިކަމުގައި އިތުރަށް މަސައްކަތް ކުރެއްވުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ޝަހީމް މިރޭ ގޮވާލެއްވިއެވެ.

"ހާއްސަކޮށް ދީނީ އިލްމުވެރިން އިސް ދައުރެއް މިކަމުގައި އަދާކުރަންޖެހޭ. ދީނީ ހެޔޮލަފާ ބަސް ބުނެގެން މި މަސައްކަތް ކާމިޔާބު ކުރެވޭނީ، މިއީ ގައުމަށްޓަކާ އަޅުނގަޑުމެން ހުރިހާ އެންމެން އެކަތި ގަނޑަކަށް ވެގެން ތެދުވަންޖެހޭ ވަގުތު. އިސްލާހަށްޓަކާ މަސައްކަތްކުރަންޖެހޭ ދަނޑިވަޅު. ހާއްސަކޮށް ދީނީ ހުރިހާ އިލްމުވެރިންގެ ކިބައިން އެދެނީ އިތުރަށް މިކަމުގައި މަސައްކަތްކުރަން،" ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން "ހުކުރު އުފާ"ގެ ނަމުގައި މިއަދު އިފްތިތާހްކުރި އެ ފެސްޓިވަލުގެ ދަށުން މިރޭ ފުރަތަމަ ދަރުސް ބޭއްވިއިރު، ދަރުސް އަޑުއެހުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި ދައުލަތުގެ އިސްވެރިންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

"ފުރާނައަށް ދިރުން ދޭށެ" މައުޟޫއަށް އަށް މިރޭ ބޭއްވި ދަރުހުގައި ޑރ. ޝަހީމް ތަގުރީރު ކުރައްވަނީ --- ފޮޓޯ/ އަސުރުމާ