05 Aug 2017, 01:25
ޓެކްސް ދައްކާ ފަރާތްތަކުގެ އިތުބާރު ހޯދުމަށްޓަކައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުން، މިނިވަން ކަމާއެކު ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، މިހާރަށްވުރެ ވެސް ބޮޑަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަބްދުﷲ ޖިހާދު އިލްތިމާސް ކުރައްވައިފި އެވެ.
މީރާއަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ މީރާއަކީ ޚިދުމަތުގެ މައިދާނުގައި އެހެން މުއައްސަސާތަކަށް ނަމޫނާ ތަނެއް ކަމަށެވެ. އަދި މިހާރަށްވުރެ ވެސް ބޮޑަށް، މިނިވަންކަމާ އެކު މަސައްކަތުގައި ދެމިތިބުމަށް އެމަނިކުފާނު މީރާގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތެވެ.
"މީރާގެ މުވައްޒަފުންނަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ނަޒަރުގައި މިނިވަން މުސްތަގިއްލު ބަޔަކަށްވުމީ އެފަރާތުގެ އިތުބާރު ޓެކްސް ނިޒާމަށް ހޯދުމަށް ވަރަށް މުހިއްމު ކަމެއް ކަން. އެހެން ކަމުން ތިޔަ ލޮބުވެތި މުވައްޒަފުންނަށް ޝުކުރުވެރިވަމުން، ތިޔަ ކުރައްވަނީ ފައިސާގެ މުއާމަލާތްކަން ދަނެތިބެ ވަފާތެރިކަމާ އެކު އަދި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ވެސް ބޮޑަށް މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ވަކި ފަރާތަކަށް ތަފާތު ނުކޮށް އެންމެން ހަމަހަމަކޮށް މިހާރަށްވުރެ ވެސް ހީވާގިކޮށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަން،" ނައިބް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ޖިހާދު ވިދާޅުވީ ފައިސާ މެދުވެރިކޮށް ޚިދުމަތް ދޭ ފަރާތްތަކުން އޭގެ ހިސާބުތައް ވީހާވެސް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ފައިސާ ދައްކާ ފަރާތްތައް ބޭނުންވެއްޖެ ހާލަތެއްގައި މީރާގެ އޮޑިޓަރުން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ޖިހާދު ވިދާޅުވީ ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ގައުމު ތަރައްގީގެ ހަރުފަތް އާދަޔާ ޚިލާފު މިންތަކަށް ވާސިލްވަމުން އަންނަ ތަން ކަމަށެވެ.
"މީރާ އަށް ލިބޭ އާމްދަނީން ކުރަމުން އަންނަ މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ކައިރިން ފެންނަމުން ދަނީ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ ވަނީ އުސް ހަރުފަތްތަކެއް ގިރާކޮށްފައި،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ އިގުތިސާދީ އެޖެންޑާއަކީ އެއްވެސް ވިޔަފާރިއެއް ބާކީނުކޮށް ހިންގާ އެޖެންޑާއެއް ކަމަށެވެ. އަދި އެއީ އިތުރު އިންވެސްޓްމަންޓްތަކެއް ގެންނަން ހިމަނާފައިވާ އެޖެންޑާއެއް ކަމަށް ވެސް ޖިހާދު ވިދާޅުވިއެވެ.