04 Aug 2017, 23:58
ޒަހަމްތަކަކާއެކު އައިޖީއެމްއެޗަށް ގެންދިޔަ މީހާއަކީ އޭނާ ދިރިއުޅޭ ގޭގައި ހުރި ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓި ޒަހަމްވި މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ޒަހަމްވި މީހާ ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓުނީ އޭނާގެ އަންހެނުންނާ ދެމެދު ޖެހުނު މައްސަލައެއް ޖެހި، ބަހުގެ ހަމަލާތަކެއް ރައްދު ކުރަނިކޮށެވެ.
ފުލުހުން ބުނީ، މިރޭ 11:25 ހާއިރު ޒަހަމްވި މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާއަށް ޒަހަމްތަކެއް ލިބުނީ ދިރިއުޅޭ ގޭގެގައި ހުރި ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓިގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ ޑިރެކްޓަރު ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ އަހުމަދު މައުސޫމް "ސަން" އަށް މިރޭ ވިދާޅުވީ، ޒަހަމްވެގެން އެ ހޮސްޕިޓަލުން ފަރުވާ ދީފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި ޒަހަމް ވެފައި ވަނީ އޭނާގެ ބުރަކައްޓަށް ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށް އޭނާ ވިދާޅުވި އެވެ.