04 Aug 2017, 23:50
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ދ. ކުޑަހުވަދޫ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ފެށުން ރަނގަޅުކޮށްފި އެވެ.
މިރޭ ކުޅުނު މެޗުގެ ކުރިން ލީގު ފެށުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުލަގަދަ ރަސްމިއްޔާތެއް ކުރިއަށްދިޔަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނީ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް މާސެލް ޑެސައިލީއެވެ. މިރޭ ކުޅުނު މެޗުގައި މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ކުޑަހުވަދޫ އަތުން މާޒިޔާ މޮޅުވީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ހާފް ޓައިމްގައި ޝަރަފްވެރި މެހެމާން ޑެސައިލީ، އޭނާ ސޮއިކޮށްފައިވާ ބޯޅަތައް ސަޕޯޓަރުންނަށް ހަދިޔާކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މެޗު ފެށިތާ މިނެޓެއް ނުވަނީސް، މާޒިޔާއިން ވަނީ ލީޑު ހޯދައިފަ އެވެ. މިލޮސް ކަވަސެވިޗް ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އެވެ. އޭނާ ވަނީ ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
އެ ލަނޑަށްފަހު ވެސް މާޒިޔާއަށް ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. އެގޮތުން އެ ޓީމުގެ ބިދޭސީ ފޯވަޑް ކެރިޗް އަންދްރޭޖަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ. ކުޑަހުވަދޫން ފުރަތަމަ ހާފުގެ ފަހުކޮޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، އެ ހަމަލާތައް މާޒިޔާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ލަނޑުގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 4-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގައި މާޒިޔާގެ ދެވަނަ އަދި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިއަހަރުގެ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުމަށްފަހު ޕްރިމިއާ ލީގަށް މާޒިޔާއާ ގުޅުނު ބިދޭސީ ފޯވަޑް ކެރިޗް އަންދްރޭޖްއެވެ. މެޗުގެ 55 ވަނަ މިނެޓުގައި އަސައްކޮ ދިން ބޯޅައަކުން އޭނާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައިރު، މެޗުގެ 69 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އަޝްއަދު އަލީ (އަޑުބަރޭ) ދިން ބޯޅައަކުންނެވެ.
މެޗުގައި މާޒިޔާގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 73 ވަނަ މިނެޓުގައެވެ. ދެވަނަ ހާފުގައި ކެރިޗްގެ ބަދަލުގައި ކުޅެން ނުކުތް ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލި ބޯޅަ، ކުޑަހުވަދޫ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެ ޓީމުގެ ކެޕްޓަން އިބްރާހިމް ރަޝާދުގެ ފައިގައި ޖެހި ބައިކޮޅަށެވެ.
ޕްރިމިއާ ލީގުގައި މާދަމާ ރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.