ޓެކްސް ނެގުމާ ބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ގަވާއިދުން ޓެކްސް ދައްކައި އެންމެ ގިނައިން ޓެކްސް ދެއްކި 17 ފަރާތަކަށް "ރަން ލާރި އެވޯޑު" ދީފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާއެއްގައި އެވޯޑު ދީފައިވަނީ 11 ގިންތީއަކުންނެވެ. އޭގެ ތެރޭގައި ބީޕީޓީ ދައްކާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ވިޔަފާރިތަކުގައި މަސްއޫލުވާ ކުންފުނިތަކާއި ބޮޑެތި އަދި މެދު ފަންތިއާއި ކުދި ވިޔަފާރިތަކާއި ވިތްހޯލްޑިންގް ޓެކްސްއާއި ބޭންކް ޕްރޮފިޓް ޓެކްސްގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާ ކުންފުނިތައް ހިމެނެ އެވެ.

އެވޯޑު ލިބުނު ފަރާތްތައް:

އެންމެ ގިނައިން ބީޕީޓީ ދެއްކި ތިން ފަރާތަކީ ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ޓްރާންސް މޯލްޑިވިއަން އެއާ ޕްރައިވެޓް ލިމިޓެޑާއި ލިލީ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑެވެ.

ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން 150 އާއި 150 އަށް ވުރެ މަދު އެނދު ހުންނަ ކެޓަގަރީ އިން ރަން ލާރި އެވޯޑު ލިބުނީ އައިއެންޓީ ކްރައުން އަށެވެ. ސަތޭކަ ފަންސާސް އެނދާއި 200 އެނދާ ދެމެދުގެ ކެޓަގަރީން އެވޯޑު ފޯ ސީޒަންސް ރިސޯޓަށް ލިބުނު އިރު 250 އަށް ވުރެ މަތީ އެނދުގެ ކެޓަގަރީން އެވޯޑު ލިބުނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަށެވެ.

ޓްރެވަލް އެޖެންސީގެ ކެޓަގަރީން ސްޕްލެންޑިޑް އޭޝިއާ ޕްރައިވެޓް ލިމިޓެޑަށް ލިބުނި އިރު އެއާލައިން ކެޓަގަރީން އެ އެވޯޑު ހާސިލް ކުރީ ޓްރާންސް މޯލްޑިވިއަން އިންނެވެ.

އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓު ހޮޓެލްގެ އެވޯޑު ހުޅުލޭ އައިލެންޑް ހޮޓެލަށް ލިބުން އިރު އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓު ގެސްޓް ހައުސްގެ އެވޯޑު ލިބުނީ ހުޅުމާލޭގައި ހިންގާ އޯޝަން ގްރޭންޑަށެވެ. އަދި އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓް ވެސެލްގެ އެވޯޑު ލިބުނީ ފޯ ސީޒަންސް އެކްސްޕްލޯރާ ސަފާރީއަށެވެ.

އެކި ފަންތީގެ ވިޔަފާރިތަކުގެ ކެޓަގަރީ އިން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުންޏަކަށް ސީޖީޓީ ކުންފުނި ހޮވި، ރަން ލާރި އެވޯޑު ހަވާލު ކުރި އިރު މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން އެ އެވޯޑު ލިބުނީ އަބްދުއްރަހީމް ޝާކިރުގެ ނަންމަތީގައި އޮންނަ ކުންފުންޏަށެވެ. ކުދި ވިޔަފާރިތަކުގެ ތެރެއިން އެ އެވޯޑު ހާސިލް ކުރީ ވިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

މީގެ އިތުރުން، ވިތު ހޯލްޑިންގްސް ޓެކްސް އެންމެ ގިނައިން ދައްކައިގެން އުރީދޫ މޯލްޑިވްސްއަށް އެވޯޑު ލިބުނު އިރު ބޭންކް ޕްރޮފިޓް ޓެކްސް އެންމެ ގިނައިން ދައްކައިގެން އެވޯޑު ހާސިލް ކުރީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެ އެ އެވޯޑު ހާސިލް ކުރީ ދިރާގުންނެވެ.

ރަން ލާރި އެވޯޑަކީ ކޮންމެ އަހަރަކު ވެސް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.