04 Aug 2017, 19:28
އުފާވެރި މާހައުލަކުން ބައްދަލުވެ، ދީނީ ހަރަކާތްތަކާއި ދީނީ މައުލޫމާތު ލިބޭނެ ގޮތަށް ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ހާއްސަ ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން "ހުކުރު އުފާ"ގެ ނަމުގައި މިއަދު އިފްތިތާހްކުރި އެ ފެސްޓިވަލު އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 4:30 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން 10:00 އަށް އިސްލާމީ މަރުކަޒު މައިދާނުގައެވެ.
ފެސްޓިވަލް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ، ފެސްޓިވަލަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ދީނީ މައުލޫމާތު ލިބޭ ގޭމާއި މަދަހަ އަދި ޤުރުއާން ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިއަދު ބޭއްވި "ހުކުރު އުފާ" ފެސްޓިވަލުގެ ތެރެއިން --- ފޮޓޯ/ ޓްވިޓާ
އޭގެ އިތުރުން ބޮޑެތި ބޭފުޅުންނަށް ދީނީ ފޮތްތަކާއި މަޖައްލާތައް ލިބޭނެ ސްޓޯލްތަކާއި ދީނީ މައުލޫމާތާއި ކައުންސިލިން ލިބިގެންދާއިރު، ކޮންމެ ހުކުރެއްގެ ރޭގަނޑު އިސްލާމީ އިލްމުވެރިއަކު ދަރުސް ދެއްވާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ކުރިއަށް އޮތް ފެސްޓިވަލް ތަކުގައި ރާއްޖޭން ބޭރުގެ ދީނީ އިލްމުވެރިން ވެސް ރާއްޖެ ގެނެސް ދަރުސް ދެއްވާނެ ކަމަށެވެ.
އެގޮތުން މިރޭ ދަރުސް ދެއްވާނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އިސްލާމީ މަރުކަޒު މައިދާނުގެ މާބަލް ޖަހާފައިވާ ސަރަހައްދުގައި މިރޭ 8:30 ގައި ފަށާ ދަރުހުގެ މައުޟޫއަކީ "ދުރާނައަށް ދިރުން ދޭށޭ" އެވެ.

މިއަދު ބޭއްވި "ހުކުރު އުފާ" ފެސްޓިވަލުގެ ތެރެއިން --- ފޮޓޯ/ ޓްވިޓާ
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، މިއަދު ފެށި ފެސްޓިވަލް ވެގެންދާނީ ދިގު ދެމިގެންދާ ބައްދަލުވުމަކަށް ކަމަށެވެ.
އަދި ކޮންމެ ހަފްތާއަކު ބާއްވާ އެ ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތު ލުމެއް ބާއްވާނެ ކަމަށާއި ކޮންމެ މަހަކު ބާއްވާ ގުރު ނެގުމުގައި ހޮވޭ ދެ ބޭފުޅަކަށް އުމްރާ ދަތުރެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.