04 Aug 2017, 18:18
މާލޭގައި ހިންގާ މާރާމާރީތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާ ފުލުހުން މިއަދު ބައްދަލުކޮށް، މަޝްވަރާ ކޮށްފިއެވެ.
ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީ އިސްކޮށް ހުންނަވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ބޭއްވި ބައްދަލުކުރުމުގައި މާލޭގައި ހިންގާ މާރާމާރީތަކުގެ އިތުރުން މާލެ ސިޓީގެ ޓްރެފިކް މައްސަލަތަކާ ގުޅޭ ގޮތުން ވެސް ދެ ފަރާތުން މަޝްވަރާ ކޮށްފައިވެ އެވެ.
މާލެ ސިޓީ ކައުންސިލާ ފުލުހުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު، މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު އަދި ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގަތެެވެ.
މާލޭގައި ހިންގާ މާރާމާރީތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާ ފުލުހުން ބައްދަލު ކޮށްފައިވާއިރު، އިންސާނީ ކަރާމާތަށާއި ދިރިހުރުމުގެ ހައްގަށް އުނިކަން ލިބޭ ފަދަ އަމަލުތައް އިތުރުވަމުންދާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ފުލުހުންނާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާ ކޮށްފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ބައްދަލުވުމަށްފަހު އެޗްއާރުސީއެމުން ވަނީ ރައްޔިތުންނަށް ރައްކާތެރި އަމާން ވެއްޓެއް ގާއިމް ކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކާ އެކު ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.