އިނގިރޭސި ކްލަބްތަކުން ހޯދުމަށް މަސައްކަތްކުރަމުންދާ ސްޕެއިންގެ ވެލެންސިއާގެ ޒުވާން ފޯވާޑް ހުއާން މާޓާ ވިއްކާލުމަށް ތައްޔާރުކަމަށް އެކްލަބުން ހާމަކޮށްފި އެވެ. ޖުއާން މާޓާ ވިއްކާނުލާނެކަމަށް އެކްލަބުގެ ރައީސް މެނުއަލް ލޮރެންޓެ ހާމަކޮށްފައި ވަނީ މީގެ 10 ދުވަސްކުރިން ނެވެ.

އެކާވީސް އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންޝިޕަށް ފަހު ހުއާން މާޓާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އާސެނަލްއަށް ހުރަސްއަޅާފައި ވަނީ އެކްލަބުގެ ރައީސް މެނުއަލް ލޮރެންޓެ އެވެ. ލޮރެންޓެ އޭރު ބުނެފައިވާ ގޮތުން ހުއާން މާޓާ ވިއްކާލާކަށް ބޭނުންނުވާކަމެވެ.

ސްޕެނިޝް ކްލަބް ވެލެންޝިޔާގެ ކުރީގެ ދެތަރިންކަމަށްވާ ޑޭވިޑް ވިޔާ އާއި ޑޭވިޑް ސިލްވާ ވިއްކާލިގޮތަށް މިހާރު މިފެންނަނީ އެކްލަބުގެ މައި އެއް ތަނބުކަމަށްވާ ޖުއާން މަޓާ ވިއްކާލުމަށް މަސައްކަތްކުރާތަނެވެ. ރަނގަޅު އަގެއް ލިބިއްޖެ ނަމަ ވިއްކާލާނެ ކަމަށް އެކްލަބުގެ ކޯޗް ހާމަކޮށްފައިވެ އެވެ.

"އަހަރެމެން ވެސް ބޭނުން އޭނާ ކްލަބުގައި ބަހައްޓަން. އަދި މާޓާ ވެސް ބޭނުންވޭ ކްލަބުގައި މަޑުކުރަން. ބޮޑު އަގަކަށް ނުވަތަ ބޮޑު ކްލަބަކަށް ދާން ބޭނުން ކުޅުންތެރިޔަކު އަހަރެމެންނަކަށް ނުހުއްޓުވޭނެ. ބޮޑު އަގެއް ކިޔައިފި ނަމަ އަހަރެމެންނަށް ވެސް އަދި މާޓާ އަށް ވެސް ފައިދާވާނެ. އެހެންކަމުން އަހަރެމެން ޖެހޭނެ މަޓާ ދޫކޮށްލަން." ވެލެންސިޔާގެ ކޯޗް އުނޭ އެމެރީ ބުންޏެވެ.

އާސެނަލްގެ އިތުރުން ވެލެންސިޔާގެ ތަރި ހުއާން މާޓާ ހޯދުމަށް ޓޮޓެންހަމް އާއި ލިވާޕޫލް އިން ވެސް މަސައްކަތްކުރާ ކަމަށް ބެލެވެ އެވެ. އާސެނަލް އަންނަ ސީޒަން ޗެމްޕިއަންސް ލީގަށް ވަރުގަދަކުރުމަށް ހުއާން މާޓާ ހޯދުމަށް އެކްލަބު ވަރަށް ބޮޑަށް މަސައްކަތްކުރާނެ އެވެ.