ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ގުޅުނީ އެ ކްލަބުގެ އަޒުމުގެ ސަބަބުން ކަމަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ބުނެފި އެވެ.

ބާސެލޯނާ އިން ޕީއެސްޖީއަށް 222 މިލިއަން ޔޫރޯގެ އަގަކަށް ނޭމާ ސޮއިކުރި އިރު، އޭނާއަށް މުސާރައިގެ ގޮތުގައި އަހަރަކު 45 މިލިއަން ޔޫރޯ ލިބޭނެ އެވެ. ގިނަ މަޝްވަރާތަކަކަށް ފަހު ޕީއެސްޖީއާ ނޭމާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބާސާގައި ކާމިޔާބު ހަތަރު އަހަރު ހޭދަކުރި އުމުރުން 25 އަހަރުގެ ނޭމާ ބުނީ، ޕީއެސްޖީގެ ޕްރޮޖެކްޓާ މެދު ވަރަށް ޝައުގުވެރިވާ ކަމަށާއި އެ ކްލަބަށް އާދެވުމުން ވަރަށް އުފާކުރާ ކަމަށެވެ.

"އަހަރެން ޔޫރަޕަށް އައުމަށް ފަހު ޕީއެސްޖީ ފެނިގެންދިޔައީ އެންމެ ވާދަވެރި އަދި އެންމެ އަޒުމު ވަރުގަދަ ކްލަބުގެ ގޮތުގައި. އަހަރެންގެ އެންމެ ބޮޑު ޗެލެންޖަކަށް ވާނީ މި ޓީމުގެ އެހެން ކުޅުންތެރިންނާ ގުޅިގެން ކްލަބަށް މުބާރާތްތައް ކާމިޔާބުކޮށްދިނުން. އަހަރެން މި ކްލަބާ ގުޅެން ބޭނުންވީ މި ކްލަބުގެ އަޒުމުގެ ސަބަބުން،" އޭނާ ބުންޏެވެ.

ނޭމާ ބުނީ، ޔޫރަޕްގައި ހަތަރު އަހަރު ހޭދަކުރެއްވިއްޖެ ކަމަށާއި އާ ޗެލެންޖަކާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށެވެ. އަދި މިހާރުން ފެށިގެން އެ ކްލަބުގެ އެހެން ކުޅުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް އުފާވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޕީއެސްޖީއާ ނޭމާ ގުޅުމުގެ ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަކީ މިދިޔަ އަހަރު ޔުވެންޓަސްއިން މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އެވެ. އޭނާ ޔުނައިޓެޑާ ގުޅިފައިވަނީ 105 މިލިއަން ޔޫރޯގެ އަގަކަށެވެ. ނޭމާ އެ ރެކޯޑު މުގުރާލީ ޕޮގްބާގެ އަގަށްވުރެ ދެގުނަ ބޮޑު އަގަކަށް ޕީއެސްޖީއަށް ސޮއިކޮށްގެންނެވެ.

ނޭމާ އެންމެ ފުރަތަމަ ވިދާލީ ސަންތޯސްއިންނެވެ. ބްރެޒިލް ކްލަބު ސަންތޯސްއަށް 2011 ވަނަ އަހަރުގެ ކޮޕާ ލިބަރްތަދޯރެސް ކާމިޔާބު ކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްދިން ނޭމާ، ބާސާއާ ގުޅުނީ 2013 ވަނަ އަހަރެވެ.