ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އައި ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ ޖޫނިއަރގެ އަގުބޮޑު ޓްރާންސްފަރ އާއެކު، ފްރާންސްގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން މިވަނީ، ފުޓްބޯޅަ ޓްރާންސްފަރގައި މުޅި ދުނިޔެ ސިއްސުވާލައިފައެވެ.

ނޭމާގެ ޓްރާންސްފަރ ފީއަށް ޕީއެސްޖީން ވަނީ 222 މިލިއަން ޔޫރޯ، އެއްވެސް ޖެހިލުމެއް ނެތި ހޭދަކޮށް، ޓްރާންސްފަރ ވިޔަފާރީގައި ބާސާއާއި އަދި އެ ޓްރާންސްފަރއަށް އިންތިހާއަށް ދެކޮޅުހަދައި ހުރަސްއަޅަމުން އައި ލަ ލީގާވެސް ކުޑަކަކޫމައްޗަށް ތިރިކުރުވައިފައެވެ. ބާސާއާއި ލަ ލީގާއިން ގޮވަމުން ދިޔައީ ޕީއެސްޖީން ޔުއެފާގެ ފައިނޭންޝަލް ފެއަރޕްލޭގެ އުސޫލުތައްވެސް މުގުރާލައިފި ކަމަށެވެ. ނޭމާގެ ޓްރާންސްފަރ ޚަބަރާއެކު ވިލާތުގެ ފުޓްބޯޅައާއި ދުނިޔޭގެ ފުޓްބޯޅަ ޓްރާންސްފަރ މާކެޓަށްވެސް ވަނީ "ގުޑުން"އަރައިފައެވެ. ކްލަބަކުން މިވަރުގެ ބޮޑު ހޭދައެއް ކުރާނީ އޭގެ ބަދަލަށް ވަރަށް ބޮޑު އެއްޗެއް ލިބޭނެތީކަން ކަށަވަރެވެ.

ޕީއެސްޖީގައި ނޭމާ ބޭނުންކުރާނީ 10 ނަންބަރު ޖާޒީ -- ފޮޓޯ: ޕީއެސްޖީ

ނޭމާއަށްޓަކައި ޕީއެސްޖީން 222 މިލިއަން ޔޫރޯ ހޭދަކޮށްލިއިރު، އެއީ މީގެ ކުރީން ޓްރާންސްފަރ ރެކޯޑުތައް މުގުރާލާފައިވާ ކްލަބުތަކަށް ކައިރިވެސް ވެވޭންއޮތް އަދަދެއް ނޫނެވެ. ޕައުލް ޕޮގްބާގެ ޓްރާންސްފަރއަށް މެންޗެސްޓާ ޔުނައިޓެޑުން ޔުވެންޓަސްއަށް 98 މިލިއަން ޔޫރޯ ހޭދަކުރި އިރު، ރެއާލް މެޑްރިޑުން ގެރެތު ބޭލް ހޯދުމަށް 94 މިލިއަން ޔޫރޯ އަދި ރޮނާލްޑޯ ހޯދުމަށް ހޭދަކޮށްފައި ވަނީ 88 މިލިއަން ޔޫރޯއެވެ. އެހެންކަމުން ޕީއެސްޖީން ނޭމާ ގެންގޮސްފައި މިވަނީ ރެކޯޑް ބްރޭކިން މި ތިން ޓްރާންސްފަރއާ އެއްކޮށްލުމުން ޖެހޭ އަދަދާ ގާތްކުރާ ވަރުގެ ފީއަކަށެވެ.

ނޭމާ ވަނީ 222 މިލިއަން ޔޫރޯގެ ދުނިޔޭގެ ރެކޯޑު ފީއަކަށް ޕީއެސްޖީއާ ގުޅިފައި -- ފޮޓޯ: ޕީއެސްޖީ

ނޭމާއަށް ޕީއެސްޖީން އެކުރި ފައިސާއަށް އެ ކްލަބުން ސުޕަގެޓީ ގަތް ނަމަ، މުޅި ބާސެލޯނާގައި "ސުޕަގެޓީގެ ސާލެއް" ފަތުރާލައިހާ ފައިސާ އެވަނީ ހޭދަކޮށްފައެވެ. އެހެނީ ޔޫރަޕްގައި ސުޕަގެޓީ ޕެކެޓެއްގެ އަގަކީ 0.5 ޕައުންޑަށް ވާއިރު ނޭމާގެ އަގަކީ 198،000،000 ޕައުންޑެވެ. މި އަގަށް 369،000،000 ޕެކެޓް ސުޕަގެޓީ ލިބޭނެއެވެ. ސުޕަގެޓީ ޕެކެޓަކުން 0.26 އަކަމީޓަރުގެ ސަރަހައްދެއް ކަވަރުކުރާނަމަ، 369،000،000 ޕެކެޓް ސުޕަގެޓީން 102،960،000 އަކަމީޓަރުގެ ޖާގައެއް ކަވަކުރާނެެއެވެ. ބާސެލޯނާގެ ސަރަހައްދުގެ ބޮޑުމިނަކީ 101،900،000 އަކަމީޓަރެވެ.

އިނގިރޭސި ޕްރިމިއަރ ލީގަށް އަލަށް ކޮލިފައިވި ހަޑާސްފީލްޑް ޓައުންގެ އަގަކީ ގާތްގަނޑަކަށް 44 މިލިއަން ޕައުންޑެވެ. އެހެންކަމަށް ވާނަމަ ނޭމާގެ އަގުގައި މި ވަރުގެ ފަސް ކްލަބު ގަނެވޭނެއެވެ.

ދުނިޔޭގެ ޓްރާންސްފަރ މާކެޓްގެ އަގުތަކަށް ބަލާއިރު، މިހާރު 19 ވަނައަށް އެންމެ އަގުބޮޑު ކްލަބަކީ ފްރާންސްގެ މޮނާކޯއެވެ. އެހެން ނަމަވެސް ނޭމާގެ ޓްރާންސްފަރ ފީއަށް މޮނާކޯވެސް ގަނެލެވޭނެއެވެ. ހަމަ އެހެންމެ މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގު ޗެމްޕިއަން ޗެލްސީއަށް އެ މުބާރާތް ކާމިޔާބުކުރުމުން އިނާމަށް ލިބުނު ފައިސާއާއި އަދި ބްރޯޑްކާސްޓް ފީގެ ގޮތުގައި ދައްކަން ޖެހޭފައިސާއަށް ވާ ޖުމުލަ އަދަދު އެއްކޮށްލި ނަމަވެސް، ނޭމާގެ ޓްރާންފަރ އަގުން އެވަރު ކަނޑާފައި އަދި ބާކީވެސް ބައިވަރު ލާރި ހުންނާނެއެވެ.

ބާސެލޯނާގެ ކުރީގެ ފޯވާޑް ނޭމާ، އޭރުގެ ޓީމް މޭޓުން ކަމަށްވާ ލިއޯ މެސީ އާއި ލުއިސް ސުއަރޭޒާއެކު-- ފޮޓޯ: އީއެފްޕީ/ގެޓީ

ޕީއެސްޖީން އެ ކްލަބުގެ 2017-18ގެ އޮފިޝަލް ހޯމް ޖާޒީއެއް ވިއްކާ އަގަކީ، 140 ޔޫރޯއެވެ. އެހެންކަމުން ނޭމާގެ ޓްރާންސްފަރ ފީއަށް އެ ކްލަބުން ހަރަދުކުރި ފައިސާއިން 1.5 މިލިއަން ޖާޒީވެސް ގަނެވޭނެއެވެ. ނުވަތަ އެމެރިކާގެ ޖައްވީ މަރުކަޒު، ވާޖިން ގެލަކްޓިކުން ޖައްވަށް ކުރާ ދަތުރުތަކުގެ1,032ދަތުރު ނޭމާގެ ޓްރާންސްފަރ ފީގައި ހަމަޖައްސައިލެވޭނެއެވެ. ސަރ ރިޗަޑްރޑް ބާރންސަންގެ ކޮމާޝަލް-ލައިންގެ ދަތުރެއްގެ ޓިކެޓްގެ އަގަކީ 250,000 އެމެރިކާ ޑޮލަރެވެ.

ނޭމާ ފަދަ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ނޫކަށިފުރައިގެ ކުޅުންތެރިއަކަށް ޕީއެސްޖީން މިފަދަ ބޮޑު ހޭދައެއް ކުރާނީ ވަރަށް ބޮޑު އުންމީދުތަކަކާ އެކުގައެވެ. ފްރާންސްގެ ކްލަބެއް ކަމުގައިވީނަމަވެސް ޕީއެސްޖީއަކީ، ގަތަރުގެ ދައުލަތަށް ބައިއެޅޭ، ގަތަރީ ސްޕޯޓްސް އިންވެސްޓްމަންޓް (ކިއުއެސްއައި)އަށް ނިސްބަތްވާ ކްލަބެކެވެ. އެހެންކަމުން ގުދުރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ މި ކްލަބަށް އަދި މިއަށްވުރެ ބޮޑު ހޭދައެއްކުރާން ޖެހުނަސް މައްސަލައަކަށް ނުވާނެއެވެ.

ގަތަރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ހޯދާފައިވާއިރު، ކުޅިވަރުގެ ދާއިރާގައި ދޯހާއިން ހާސިލްކުރާން ބޭނުންވާ ވަރަށް މުހިއްމު ކަންތައްތަކެއްގެ އެންމެ ބޮޑު ބައިވެރިއަކަށް ވެގެންދާނީ ޕީއެސްޖީކަން ކަށަވަރެވެ. އެހެންކަމުން އެ ކްލަބުން ޗެމްޕިއަންސް ލީގު ހޯދުމަށް ދެކެމުން ދާ ހުވަފެންތައް ހަގީގަތަކަށް ހެދުމާއި، އަދި އެނޫންވެސް ބޮޑެތި ކާމިޔާބީތައް ހާސިލްކުރުމުގެ އާރުކާޓީއަކަށް ނޭމާ ހެދުމަކީ ކްލަބުން މިފަދަ ބޮޑު ހޭދައެއް ކުރުމުގެ ހިކްމަތްތަކުގެ ތެރޭގައި ހިމެނޭނޭ ކަންތައްތައްކަން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ނޭމާ ވަނީ ރިއޯ 2016ގެ ފިރިހެނުންގެ ސެމީ ފައިނަލް މެޗުގައި ހޮންޑޫރަސް ކޮޅަށް 14 ސިކުންތުގެ ތެރޭގައި ލަނޑެއް ކާމިޔާބުކޮށްފައި -- ފޮޓޯ: ގެޓީ

އުމުރުން 25 އަހަރުގެ ނޭމާ ޕްރޮފެޝަނަލް ފުޓްބޯޅައިގެ ތެރެއަށް ވަނީ 2009 ވަނަ އަހަރު ބްރެޒިލްގެ ކްލަބު ސަންޓޯސްގައެވެ. ނޭމާ ވަނީ އެ ކްލަބަށް ކުޅުނު 229 މެޗުން ޖުމުލަ 138 ލަނޑު ކާމިޔާބުކޮށް ކްލަބުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. ބާސާއާއެކު ޗެމްޕިއަންސް ލީގަކާއި ދެފަހަރު ލަ ލީގާ ހޯދި ނޭމާ ވަނީ އުމުރުން 18 އަހަރުގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެން ފަށާއި މިހާތަނަށް ގައުމީ ޓީމަށް އޭނާ ކުޅުނު 77 މެޗުގައި ޖުމުލަ 52 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ނޭމާއަކީ އޮލިމްޕިކްގެ ތާރީޚުގައި އެންމެ އަވަހަށް ލަނޑެއް ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފާއި ލަގަބުވެސް ހޯދާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ރިއޯ 2016ގެ ފިރިހެނުންގެ ސެމީ ފައިނަލް މެޗުގައި ހޮންޑޫރަސް ކޮޅަށް 14 ސިކުންތުގެ ތެރޭގައި ލަނޑެއް ކާމިޔާބުކޮށްފައެވެ.