އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގެ ޓިކެޓް ގަންނަ ދިހަ ނަސީބުވެރިންނަށް މެޗުގެ ޝަރަފްވެރި މެހެމާން އަދި ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް މާސެލް ޑެސައިލީއާއެކު ފޮޓޯއެއް ނެގުމުގެ ފުރުސަތު ދޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅޭ ދިވެހި ޕްރިމިއާ ލީގު މެޗުގައި ބައްދަލުކުރާނީ މިއަހަރުގެ މާލޭ ލީގު ޗެމްޕިއަން އަދި އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންމެ ރެކްރިއޭޝަން ކްލަބާއި މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫއެވެ. އެ މެޗު ޝަރަފްވެރިކޮށްދޭނީ ޑެސައިލީއެވެ.

އެފްއޭއެމުން ބުނީ، އެ މެޗަށްފަހު ޑެސައިލީއާއެކު ނަފްސީ ނެގުމުގެ ފުރުސަތު ލިބޭ ދިހަ ނަސީބުވެރިން ހޮވުމަށް ގުރުނަގާނެ ކަމަށާއި ސިޑިން ބަރިން އަދި ގޮނޑި ބަރީގެ ޓިކެޓެއް ގަންނަ ކޮންމެ ފަރާތަކަށް ވެސް ދިހަ ނަސީބުވެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިރޭ ކުޅޭ މެޗުގައި ސިޑި ބަރިން ޓިކެޓެއް ފަސް ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ގޮނޑި ބަރިން ޓިކެއް ވިއްކުމަށް ހަމަޖެހިފައިވަނީ ދިހަ ރުފިޔާއަށެވެ.

މާޒިޔާއާއި ކުޑަހުވަދޫ ބައްދަލުކުރާ މެޗުގެ ޝަރަފްވެރި މެހެމާނު ޑެސައިލީއަކީ ފްރާންސްގެ މާސޭއާއި އިޓަލީގެ އޭސީ މިލާން އަދި އިނގިރޭސި ކްލަބު ޗެލްސީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ކުޅުންތެރިއެކެވެ. އޭގެ ތެރެއިން އޭނާ ވަނީ ދެ ކްލަބެއްގެ ކުޅުންތެރިއެއްގެ ގޮތުގައި ވިދިވިދިގެން ދެ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

މާސޭއާއެކު ޑެސައިލީ ހޯދި އެންމެ ބޮޑު ކާމިޔާބަކީ 1993ގެ ޗެމްޕިއަންސް ލީގެވެ. އޭސީ މިލާނާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު، އެ ކްލަބާއެކު ދެ ފަހަރު އިޓާލިއަން ސެރީއާ ކާމިޔާބުކޮށް ސުފާކޮޕާ އިޓާލިއާ އަދި ޔޫއެފާ ސުފާ ކަޕެއް ވެސް ކާމިޔާބުކޮށްފައިވެއެވެ. ޗެލްސީއާއެކު ޑެސައިލީ ވަނީ ޔޫއެފާ ސުޕާ ކަޕަކާއި އެފްއޭ ކަޕެއް އަދި ޗެރިޓީ ޝީލްޑެއް ހޯދައިފައެވެ.

ޑެސައިލީ ވަނީ 1993 އިން ފެށިގެން 2004ގެ ނިޔަލަށް ފްރާންސް ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ގައުމީ ޓީމާއެކު އޭނާ ވަނީ ވޯލްޑް ކަޕް 1998 އާއި، ޔޫރޯ 2000 އަދި ދެ ފަހަރު ފީފާ ކޮންފެޑަރޭޝަންސް ކަޕް ކާމިޔާބުކޮށްފައެވެ.