އާޖެންޓީނާގެ ކުރިއަށްދާ ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗްގައި ރޭ ފަތިހު ވެނެޒުއޭލާ އާއި ދެކޮޅަށް ކުޅުނު މެޗް ޕެނަލްޓީ ޖަހައިގެން ފައިނަލްގެ ދެ ވަނަ ޖާގަ ފެރަގުއޭ ހޯދައިފި އެވެ.

ޕެނަލްޓީ ޖަހައިގެން ވެނެޒުއެލާ އަތުން 5-3 އިން މޮޅުވެ، މުބާރާތުގެ ފައިނަލުން ޕެރަގުއޭ ޖާގައެއް ހޯދި އިރު، މީގެ ކުރިން އެޓީމް ވަނީ ދެ ފަހަރެއްގެ މަތިން މުބާރަތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ވެސް ދެ ޓީމުން ކުރެ އެއް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގައި ވެސް ނަތީޖާ އަށް ބަދަލެއް ނާދެ އެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުގެ އުންމީދުގައި މެޗަށް ނިކުތް ވެނެޒުއޭލާ އަށް ކަރު އެލުވާލަން ޖެހުނީ ޕެނަލްޓީ އާ ހިސާބުން ނެވެ. އެގޮތުން ޕެނަލްޓީ ޝޫޓް އައުޓްގައި ޕެރަގުއޭ އަށް ކުރި ލިބުނީ ވެނެޒުއެލާގެ ފްރެންކްލިން ލުސޭނާ ފޮނުވާލި ޕެނަލްޓީ ޕެރަގުއޭގެ ގޯލްކީޕަރު އަދި ކެޕްޓަން ޔަސްޓޯ ވިލާރު ދިފާއުކުރުމުން ނެވެ. ޕެރަގުއޭ އަށް ފައިނަލުން ޖާގަ ލިބުނީ ޑާރިއޯ ވެރޮން ފޮނުވާލި ޕެނަލްޓީ ކާމިޔާބުވުމުންނެވެ.

މެޗްގައި ފެރަގުއޭގެ ޑިފެންޑަރު ސަންޓާނާ އަށް ވަނީ ދެ ރީދޫ ކާޑާ އެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ. އަދި އެ ޓީމްގެ ކޯޗު އާޖެންޓީނާގެ ގެރާޑޯ މާޓީނޯ ވެސް ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. އަދި މެޗަށް ފަހު ދެ ޓީމުގެ ބެންޗުގައި ތިބި ބައެއް އޮފިޝަލުންނާއި ކުޅުންތެރިންގެ މެދުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ.
މެޗުން މޮޅުވެ، ފެރަގުއޭ ފައިނަލަށް ދަތުރުކުރި އިރު، ފައިނަލްގައި އަންނަ އާދުއްތަ ދުވަހު ޕެރަގުއޭއާ ދެކޮޅަށް ނިކުންނާނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި 2-0 ލަނޑުން ޕެރޫ ގަންބާލުމަށް ފަހު، ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި އުރުގުއޭއާ ދެކޮޅަށެވެ.

ފައިނަލް މެޗަށް އުރުގުއޭ ނުކުންނައިރު އެޓީމް ވަނީ މިމުބާރާތުގެ ޗެމްޕިއަންކަން 14 ފަހަރު ހޯދާފަ އެވެ. ހަމަ އެގޮތަށް ދެން އެންމެ ގިނަ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ވެސް ވަނީ 14 ފަހަރު ޗެމްޕިއަންކަންހޯދައިފަ އެވެ. އެހެން ކަމުން އުރުގުއޭއަށް މިފަހަރުގެ ޗެމްޕިއަންކަން ލިބިއްޖެ ނަމަ މިމުބާރާތުގެ ރިކޯޑް ގާއިމް ކުރެވޭނެ އެވެ.