03 Aug 2017, 23:51
މަޖީދީމަގު ހީނާމާގޭގައި ހައުސިން މިނިސްޓްރީން ބަހައްޓާ ސައިކަލަށް ހާއްސަ މެކޭނިކަލް ސިސްޓަމް ރާވަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެސްޓީއޯއާ ހަވާލުކޮށްގެން ހައުސިންގ މިނިސްޓްރީން މާލޭގައި 20 މެކޭނިކަލް ޕާކިންގ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
އެ މަސައްކަތް ފެށިތާ އަށް މަސް ފަހުން މި ޖުލައި މަހުގެ ކުރީކޮޅު އޭގެ ފުރަތަމަ ސިސްޓަމް ވަނީ ގާއިމްކޮށް، ބޭނުން ކުރަން ފަށާފައެވެ. އެއީ އެއް ފަހަރާ 10 ކާރު ޕާކު ކުރެވޭ ސިސްޓަމެކެވެ.
މިނިސްޓަރު މިއަދު ކުރެއްވި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 100 ސައިކަލު ޕާކު ކުރެވޭ ގޮތަށް ހީނާމާގޭގައި ބަހައްޓާ ރާއްޖޭގެ ފުރަތަމަ މެކޭނިކަލް ޕާކިން ސިސްޓަމް މިއަދު ރާވަން ފަށާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ، އެންމެ ގިނަވެގެން 15 ސައިކަލް ޕާކު ކުރެވޭ ޖާގައެއްގައި ބަހައްޓާ އެ ސިސްޓަމް ރާވާއި، ކުރިއަށް އޮތް 25 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ޕާކު ކުރެވޭ ގޮތަށް މީގެ ކުރިން ވެސް ހަދާފައި އޮތް ހީނާމާގޭގައި ބަހައްޓާ ސައިކަލް ޕާކިން ސިސްޓަމަކާއެކު އެތަނުގައި 10 ކާރު ޕާކުކުރެވޭނެ މެކޭނިކަލް ޕާކިން ސިސްޓަމެއް ވެސް ބަހައްޓާނެއެވެ.
އޭގެ އިތުރުން ގާކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓު އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ދެ ސައިކަލު ސިސްޓަމާއި އެއް ކާރު ސިސްޓަމް ތަރައްގީ ކުރަން ނިންމާފައިވާއިރު، ވެލާނާގޭ ކައިރީގައި ވެސް ސައިކަލު ޕާކިން ސިސްޓަމެއް ތަރައްގީ ކުރައްވާނެ ކަމަށް މިނިސްޓަރު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަދި ވިދާޅުވީ، ޕާކިން ސިސްޓަމްތަކާ ގުޅޭ ހުރިހާ އެއްޗެއް މިހާރު މާލެ ގެނެސްފައިވާއިރު، މިއަހަރު ނިމެންވާއިރު 10 ސައިކަލު ސިސްޓަމާއި 10 ކާރު ސިސްޓަމް ބަހައްޓާ ނިމޭނެ ކަމަށެވެ.
Installation of the 100 capacity motorcycle mechanical parking system,taking up max 15 motorcycles' space, will be completed in abt 25 dayspic.twitter.com/lG30D3AcLd
— Dr.Mohamed Muizzu (@MMuizzu)August 3, 2017