03 Aug 2017, 18:29
ތޫނު ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި އާލާތްތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ އެތަކެތި ހޯދީ މިއަދު ފުލުހުން ހިންގި އޮޕަރޭޝަންނެއްގައި ކަމަށެވެ. މާލޭގެ ގެއެއްގެ ތެރެއިން ފުލުހުން ހޯދި ތޫނު ހަތިޔާރުގެ ތެރޭގައި ކަތިވަޅި އާއި ކޯރާޑި އަދި ވަޅި ހިމެނެ އެވެ.
އެ މައްސަލައާ ގުޅިގެން، އެއްވެސް މީހަކު ފުލުހުން ހައްޔަރެއް ނުކުރެ އެވެ. އަދި އެ ތަކެތި ހޯދީ މާލޭގެ ކޮން ގެއަކުން ކަމެއް ފުލުހުން ނުބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅޭ ގޮތުން މިވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
ފުލުހުން ހޯދި ހަތިޔާރުތަކަކީ މާރާމާރީ ހިންގުމަށް ބަހައްޓާފައި ހުރި އެއްޗެހިތަކެއްތޯ ސުވާލު ކުރުމުން ފުލުހުން ޖަވާބެއް ނުދެ އެވެ. އަދި އެ ތަކެތި ފެނުނީ މާލޭގެ ގްރޫޕަކަށް ނިސްބަތްވާ ތަނަކުން ކަމެއް ވެސް ފުލުހުން ކަށަވަރެއް ނުކޮށްދިނެވެ. އަދި އެ އެއްޗެހި ހުރީ ފޮރުވާފައި ކަމެއް ވެސް ފުލުހުން ނުބުންޏެވެ.
މާލޭގައި އާންމުވެފައިވާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން 34 މީހަކު ހައްޔަރު ކުރުމަށް، ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައިވެ އެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރަން ހޯދާ މީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފާއިތުވި ހަފްތާއެއްގެ ތެރޭގައި މާލޭގައި ފަސް މާރާމާރީއެއް ހިންގައި ހަތް މީހަކު ޒަހަމްކޮށް، ދެ މީހަކު ވަނީ މަރާލަފަ އެވެ. މާރާމާރީތަކާ ގުޅިގެން 23 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވިޔަސް، އެ މީހުންގެ ތެރޭގައި މާރާމާރީތަކުގައި މަރުވި ދެ ޒުވާނުންނަށް ހަމަލާދިން އެއްވެސް މީހަކު ހިމެނޭ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.