04 Aug 2017, 10:52
ސައިފް އަލީޚާން އަދި ކަރީނާ ކަޕޫރުގެ އަލަތު ދަރިފުޅު ތައިމޫރު އަލީ ޚާން ވަނީ އެންމެންގެ ހިތްތައް ފަތަހަ ކޮށްފައެވެ. ތުއްތު ތުއްތު ލޯބި ލޯބި ތައިމޫރުގެ ފޮޓޯއެއް ނެގުމަށް ޓަކައި ފޮޓޯގްރާފަރުން އަބަދުވެސް ތިބެނީ ކެތްމަދުވެފައެވެ.
"ތައިމޫރާ އަހަރެންގެ ބައްޕައާ އެެއްވެސް ތަފާތެއް ނެތް،" ރިޕޯޓަރަކު ކަރީނާ ކައިރީގައި އޭނާގެ ދަރިފުޅު އެންމެ ވައްތަރީ ކާކު ކަމަށް އެހުމުން ކަރީނާ ބުންޏެެވެ. ސައިފް ކައިރީގައި އެ ސުވާލު ކުރުމުން އޭނާވެސް ބުނެފައިވަނީ ހަމަ ކަރީނާ ބުނިގޮތަށެވެ.
"އަހަރެންގެ މަންމަވެސް ބުނި ތައިމޫރު ވަރަށް ވައްތަރޭ ރަންދީރު ކަޕޫރާ،" ސައިފް ބުންޏެވެ.

ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު
ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ރަންދީރު ކަޕޫރު ވެސް ވަނީ އެކަމަށް އެއްބަސް ވެފަ އެވެ.
"އެއީ އޭނާއަށް ގުދުރަތުން ދެއްވި ސިފަ. ހަމަގައިމުވެސް އަހަރެންގެ ޖީން އޭނާއަށް އެހުރީ ލިބިފައި،" ރަންދީރު ކަޕޫރު ބުންޏެވެ.
ރަންދީރު އިތުރަށް ބުނި ގޮތުގައި އޭނާ މިހާރު ވަރަށް ގިނައިން އޭނާގެ ކާފަ ދަރިފުޅު ދެކިލުމަށް ކަރީނާގެ ގެއަށް ދެއެވެ.
"ތައިމޫރަށް މިހާރު ހަތްމަސްމިވީ. އަހަރެން މިހާރު ކަރީނާ ގެއަށް ކުރިއަށްވުރެ ގިނައިން ދަން. އަހަރެން ވަރަށް ވަގުތު ހޭދަ ކުރާހިތްވޭ އަހަރެންގެ ކާފަ ދަރިންނާއެކު. ތައިމޫރަކީ ވަރަށް ފައްކާ ސަކަރާތް މިޒާޖުގެ ކުއްޖެއް،" ރަންދީރު ބުންޏެވެ.

ކަރީނާ ޢޭނާގެ ދަރިފުޅު ތައިމޫރު އާއެކު
ކަރީނާ އެކޭ އެއްފަދައިން އޭނާގެ ބައްޕަ ރަންދީރު ކަޕޫރަކީވެސް އެއްޒަމާނެއްގައި ބޮލީވުޑްގައި ރަސްކަންކުރި މަޝްހޫރު ފިލްމީ ތަރިއެކެވެ.