03 Aug 2017, 17:06
ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ވިއްކަން ތައްޔާރުވަމުންދާ ފަސްކޮށްފިއެވެ.
އެޗްޑީއެފްސީން މީގެ ކުރިން ވެސް ސުކޫކު ވިއްކާފައިވާ އިރު، އޭގެ ދެ ވަނަ އިޝޫއެއް ވިއްކުމަށްޓަކައި މިދިޔަ ޖުލައި މަހު ވަނީ ޕްރޮސްޕެކްޓަސް ވެސް އާންމުކޮށްފައެވެ. މީގެ ކުރިން ނިންމާފައި އޮތީ އޮގަސްޓް ހަވަނަ ދުވަހު ސުކޫކު ވިއްކުމަށެވެ.
ނަމަވެސް، ސުކޫކު ވިއްކަން ފަށާ ތާރީޚު އެޗްޑީއެފްސީން ވަނީ، އޯގަސްޓް 24 އަށް ފަސްކޮށްފައެވެ.
އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ، އެޗްޑީއެފްސީ އަމްނާގެ މެނޭޖަރ އަޒްމީން ރަޝީދު "ސަން"އަށް ވިދާޅުވީ، ސުކޫކު އިޝޫކުރުން ފަސްކުރަން ޖެހުނީ، ސުކޫކު ވިއްކޭނީ ހިއްސާގެ ބާޒާރުގައި ސުކޫކު ލިސްޓުކުރާތާ 14 ދުވަހުގެ މުއްދަތަކަށް ފަހުގައި ކަމަށް ވާތީ ކަމަށެވެ. ސުކޫކު ވިއްކުމަށް އެޗްޑީއެފްސީ ލިސްޓުކުރީ މިއަދުއެވެ.
މި މަހުގެ 24 ވަނަ ދުވަހު ސުކޫކު ވިއްކަން ފަށާ އިރު، ސުކޫކު ގަތުމަށް ހުޅުވަލާ މުއްދަތު ނިމޭނީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ކަމަށް އެޗްޑީއެފްސީން މައުލޫމާތު ދެއެވެ.
އެޗްޑީއެފްސީން ވިއްކަން އުޅޭ ސުކޫކަކީ މުޟާރަބާ ސުކޫކެކެވެ. އެ ސުކޫކު ވިއްކަނީ 1،000 ރުފިޔާއަށެވެ. އެގޮތުން، 150،000 ސުކޫކު ވިއްކައިގެން 150 މިލިޔަން ރުފިޔާގެ ރައުސުލްމާލެއް ހޯދުމަށް އެޗްޑީއެފްސީން އަމާޒުކުރެއެވެ.
މި ފައިސާ ބޭނުންކުރަނީ ހައުސިންގް ފައިނޭންސިންގްގެ ގޮތުގައި އެޗްޑީއެފްސީން އަމްނާއިން ދޭ، ޝަރީޢާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށެވެ.
ސުކޫކު ގަތުމަށް ހޭދަކުރާ ފައިސާއިން ލިބޭ ފައިދާގެ 65، ސުކޫކު ގަތް ފަރާތަކަށް ލިބޭނެއެވެ. ބާކީ 35 ޕަސަންޓު ލިބޭނީ އެޗްޑީއެފްސީއަށެވެ. ކޮންމެ ހަ މަސް ދުވަހަކުން އެއް ފަހަރު މިފަދައިން ފައިދާ ބަހާނެ އެވެ.
މި ސުކޫކުގެ މެޗުއަރިޓީ މުއްދަތަކީ 10 އަހަރެވެ. މާނައަކީ، ސުކޫކު ގަންނަތާ 10 އަހަރު ފަހުން، އެ ސުކޫކު ގަތުމަށް ހޭދަކުރި ފައިސާ، ސުކޫކު ގަތް ފަރާތަށް އަނބުރާ ލިބޭނެއެވެ.