21 Jul 2011, 13:11
ގޮވާފައި އޮތް ރޮކެޓެއްގެ ބައެއް ކަމަށް ބުނާ އެއްޗެއް ށ. ގޮއިދޫކައިރިން ފެނިއްޖެ އެވެ.
ރޮކެޓުގެ ބައެއް ކަމަށް ބުނާ އެއެތި ގޮއިދޫ ބޭރުން ފެނިފައި ވަނީ އިއްޔެ ހަވީރު ގޮއިދޫން ފުރައިގެން ދަތުރު ދިޔަ އެ ރަށު ބަޔަކަށެވެ.
ރޮކެޓުގެ މައުލޫމާތު ކައުންސިލަށް ރިޕޯޓް ކުރި އެ ރަށު މާހިޔާ، އިސްމާއިލް ޒަމީރު މިއަދު ބުނީ 10 ފޫޓް ހުންނަވަރުގެ ރޮކެޓެއްގެ ފަހަތުބައި ފެނުނީ ރަށުގެ ނެރު ތޮއްޓާއި ވަރަށް ކައިރިން އޮޔާދަނިކޮށް ކަމަށެވެ. ޒަމީރު ބުނީ އޭރު ދޯނީގައި ތިބި ބައެއް މީހުންގެ އެހީތެރިކަމާ އެކު ގޮވާފައިވާ ރޮކެޓުގެ ބުރިވަރު ރަށުގެ ފަޅުތެރެ އަށް ވައްދައި ކައުންސިލަށް ރިޕޯޓް ކުރީ ކަމަށެވެ.
"އޭތި ރަށަށް ލައްގަން ދިޔައީ. އޭގެ ކުރީ ކޮޅެއް ނެތް. ފަހަތް އޮތީ. އެހެންވެ އޭތި ރަށަށް ލައްގައިފިއްޔާމުން އޭގެން ބަޔަކަށް ގެއްލުމެއް ވެދާނެތީ ފަޅުތެރެއަށް ވައްދާފައި އަޅުގަނޑު ކައުންސިލަށް ރިޕޯޓް ކުރީ،" އަދި ވެސް ފަޅުތެރޭގައި އޮތް ރޮކެޓްގެ ބުރިވަރާ ބެހޭ ގޮތުން ޒަމީރު ބުންޏެވެ.
ރޮކެޓެއް ކަމަށް ބުނާ އެއްޗާ ގުޅޭ ގޮތުން ގައުމީ ދިފާއީ ބާރުގެ މީޑިޔާ ކޯޑިނޭޓާ މޭޖާ އަބްދުއްރަހީމް ވިދާޅުވީ ގޮއިދޫން ފެނުނު އެތި ތަހުލީލް ކުރުމަށް ހާއްސަ އެކްސްޕާޓެއް މިހާރު އެ ރަށައް ދަތުކުރުމުންދާ ކަމަށެވެ.
"އެއީ ސީދާ ކޯޗެއްކަން ބުނަން އެނގޭނީ އެކްސްޕާޓް އެ އެތި ބަލާފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ރަށަށް ދަތުރުކުރަނީ ކޮން އެކްސްޕާޓެއް ކަމެއް އޭނާ ވިދާޅެއްނުވި އެވެ.