21 Jul 2011, 12:55
އަންނަ އަހަރުގެ ދިވެހި ލީގް ފުޓްބޯޅަ މުބާރާތައް ކޮލިފައިވުމަށް ކުޅޭ "ދިވެހި ލީގް ކޮލިފައިން" ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނިކުންނާނީ ކުލަބްގެ އަމިއްލަ ބާރުގައި މެޗް ކާމިޔާބު ކުރަން ކަމަށް ވިޔެންސާގެ މެނޭޖަރު މުހައްމަދު އަމްޖަދު )އަމްޖޭ( ބުނެފި އެވެ.
މެޗަށް ނިކުތުމުގެ ކުރިން ވިޔެންސާގެ މެނޭޖަރު އަމްޖޭ ބުނީ، މިއަދުގެ މެޗަކީ މުހިންމު މެޗެއް ކަމަށާއި މެޗު ކާމިޔާބު ކުރުމުން ނޫނީ އިތުރު ހިތް ހަމަޖެހުމެއް ކުލަބަށް ނެތް ކަމަށެވެ.
"މިއަދު ޓީމް ނިކުންނާނީ ކުލަބްގެ އަމިއްލަ ބާރުގައި. މެޗު ކާމިޔާބު ކުރަން. އުންމީދަކީ ވެސް ފުރަތަމަ މެޗަށް ވުރެ ރަނގަޅު ކާމިޔާބީއެއް،" އަމްޖޭ ބުންޏެވެ.
މީގެއިތުރުން އަމްޖޭ ބުނީ، ޔުނައިޓެޑް ވިކްޓަރީ އަކީ ވަކި ބަލި ޓީމެއް ނޫން ކަމަށާއި މެޗަށް ނިކުންނައިރު ޓީމްގައި ސީރިޔަސް އަނިޔާގެ މައްސަލައެއް ނެތް ކަމަށެވެ. އަދި ބޮޑަށް ޓާގެޓް ކޮށްފައި ވަނީ ބައި ކޮޅަށް ގޯލެއް ވަނަނުދީ މެޗް ކާމިޔާބު ކުރަން ކަމަށް ވެސް އަމްޖޭ ބުންޏެވެ.
މިމުބާރަތުގައި ކޮންމެ ޓީމެއް ވެސް މިހާރު އެއް މެޗު ކުޅެފައިވާ އިރު، ވިޔެންސާ ވަނީ ފުރަތަމަ މެޗްގައި ހުރައާ ދެކޮޅަށް ކުޅެ، 2-0 ލަނޑުން މޮޅުވެފަ އެވެ. އަދި ޔުނައިޓެޑް ވިކްޓަރީ ވަނީ އޭވައެލް އަތުން 3-1 ލަނޑުން ބަލިވެފަ އެވެ.