މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ ފަހުކޮޅުގައި އޮންނާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޝުޖާއު މިއަދު "ސަން"އަށް ވިދާޅުވީ، އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ކުންފުނީގެ ބޯޑުން އެންމެ ފުރަތަމަ ނިންމާފައި އޮތީ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

އެހެން ނަމަވެސް ބައެއް ދަތިތަކާ ހެދި، އަހަރީ އާންމު ޖަލްސާ އޯގަސްޓް މަހުގެ ފަހު ހަފްތާއަށް ފަސްކުރަން ބޯޑުން ނިންމާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެ ޖަލްސާގެ ނޯޓިހާއި އެހެނިހެން މައުލޫމާތުތައް އެމްޓީޑީސީން އެކުންފުނީގެ ހިއްސާދާރުންނަށް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީޑީސީން ވަނީ، އެކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުންގެ ގޮތުގައި ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިއަހަރުގެ ތެރޭގައި ހުޅުވާލައިފަ އެވެ. އަހަރީ އާންމު ޖަލްސާގައި، ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ފަސް ޑިރެކްޓަރަކު ހޮވުމަށް ވޯޓު ލާނެ އެވެ.

އެމްޓީޑީސީގެ ބޯޑު:

  • އަލީ ނިޝާން (ޗެއާޕާސަން)

  • އަބްދުﷲ ޝުޖާއު (މެނޭޖިންގް ޑިރެކްޓަރު)
  • ފަޒްލީ އަބްދުލްވައްހާބު
  • އަމީނާ މުހައްމަދު
  • އަލީ މޫސާ (އާންމު ހިއްސާދާރުންގެ ފަރާތުން)
  • އަހްމަދު ނިޔާޒް (އާންމު ހިއްސާދާރުންގެ ފަރާތުން)
  • މުހައްމަދު ފަރުސަތު (އާންމު ހިއްސާދާރުންގެ ފަރާތުން)
  • އާރިފް އަބްދުލްސަމަރު (އާންމު ހިއްސާދާރުންގެ ފަރާތުން)
  • އަބްދުﷲ ނިޝާމް (އާންމު ހިއްސާދާރުންގެ ފަރާތުން)