03 Aug 2017, 12:22
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލައިފިއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ބާތިލްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފެށީވެސް މިއަދުއެވެ. އެ އަޑުއެހުން ބާއްވާފައި ވަނީ ސިއްރުކޮށްގެންނެވެ.
މިއަދުގެ އަޑުއެހުމާ ގުޅޭގޮތުން ފާރިސްގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ޝަމީލް "ސަން" އަށް ވިދާޅުވީ ފާރިސް ހައްޔަރުކުރަން އަމުރު ނެރުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށާއި އެކަން ހައިކޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފާރިސް އަކީ މުޖުތަމައުއަށް ނުރައްކާތެރި ބޭފުޅެއް ކަމަށް ބުނެ ހައްޔަރުކުރިއިރު، އޭގޭ މާކުރިން ފާރިސްއާ ދެކޮޅަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ހެއްކާ ގަރީނާ ލިބިފައި ވަނިކޮށް ދޫކޮށްފައި ހުރި މުއްދަތުގައި އެއްވެސް ނުރައްކަލެއް ނުފެންނަނީސް ފަހުން ނުރައްކާވަނީ ކިހިކަނުންތޯ ވަކީލު ވަނީ ސުވާލު އުފައްދަވާފައެވެ.
އެ މައްސަލައާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ފާރިސް ދޫކޮށްލުމުގެ އަމުރަކަށް ވެސް މިއަދު ވަކީލުން ވަނީ އެދިވަޑައިގެންފައެވެ. ފަނޑިޔާރު ވިދާޅުވީ އެކަމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ފާރިސް ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލަ ވެސް ވަނީ އިސްްތިއުނާފުކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށައެވެ.