03 Aug 2017, 12:25
މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ސިއްރުކޮށްފި އެވެ.
މިއަދު 11:00 އަށް ތާވަލުކޮށްފައިވާ އެ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފައިވަނީ ދައުލަތުން އެދިގެން ކަމަށް ކުރިމިނަލް ކޯޓުން ބުނެ އެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ، ހއ. ހޯރަފުށި، ވިދުވަރު، ނާސިއު މުހައްމަދު އާއި ހަމަ އެރަށު އަލަނާސިގެ، މުހައްމަދު ތަސްލީމް އާއި ގދ. މަޑަވެލި، ގުމްރީގެ، އިޢުތިޞާމް މުހައްމަދު ސައީދުގެ އިތުރުން ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފްގެ މައްޗަށެވެ.
މިދިޔަ އަންގާރަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ، އެ ހަތަރު މީހުންގެ މައްޗަށްވެސް ކޮށްފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކަމަށެވެ.