ތެހެރާން (އޮގަސްޓް 3): އީރާނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅީ 2015 ވަނަ އަހަރު ސޮއި ކުރި ނިއުކްލިއާ އެއްބަސްވުމާ ހިލާފަށް ކަމަށް އީރާނުން ބުނެފި އެވެ.

އީރާނާއި އެމެރިކާ އާއި ދުނިޔޭގެ އިތުރު ބާރުތަކުން ސޮއި ކުރި ނިއުކްލިއާ އެއްބަސްވުމަކީ "ދުނިޔޭގެ ތާރީހުގައި ހެދި އެންމެ ގޯސް އެއްބަސްވުމުގެ" ގޮތުގައި ސިފަ ކުރެއްވި ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާ އާއި އުތުރު ކޮރެއާ ހިމެނޭ ގޮތަށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުއްވީ އިއްޔެ އެވެ.

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވި ގޮތުގައި އެފިޔަވަޅުތައް އެޅުމާއެކު އެމެރިކާ އިން ވަނީ ނިއުކްލިއާ އެއްބަސްވުމާ ހިލާފުވެފަ އެވެ. އެހެންކަމުން އެއަށް އެކަށީގެންވާ ރައްދެއް އީރާނުން ދޭނެ އެވެ.

"އެމެރިކާ އިން އެފިޔަވަޅު އެޅުމުގެ މަގުސަދަކީ ނިއުކްލިއާ އެއްބަސްވުން އުވާލުން. އަޅުގަނޑުމެން އެއަށް ވިސްނުންތެރި ރައްދެއް ދޭނަން،" އަރާގްޗީ ވިދާޅުވި އެވެ.

އީރާނުން އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނާ އެކު ހެދި ނިއުކްލިއާ އެއްބަސްވުމުގައި އެގައުމުތަކުން ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ޝަރުތުކޮށްފަ އެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން އެގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލަން އެއްބަސްވެފަ އެވެ.

ނަމަވެސް އީރާނުން އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށާއި ނުރައްކާތެރި މިސައިލް ޕްރޮގްރާމެއް ކުރިއަށްގެންދާ ކަަމަށް ބުނެ އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފަ އެވެ. (ރޮއިޓާސް)