03 Aug 2017, 12:53
މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު އެސްޓީއޯއަށް 115 މިލިޔަން ރުފިޔާގެ ފައިދާއެއް ޖެހިއްޖެ އެވެ.
ސަރުކާރާ ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ޖުލައި 30 ވަނަ ދުވަހު ނެރުނު، މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުން އެކުންފުންޏަށް ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 1.9 ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ފުރަތަމަ ކއުާޓަރުގައި ލިބުނު 1.8 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 7.8 ޕަސަންޓު އިތުރު އަދަދެކެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ފައިދާގެ ގޮތުގައި ލިބުނީ 54 މިލިޔަން ރުފިޔާ އެވެ. ފުރަތަމަ ކުއާޓަރުގައި ލިބުނު 61 މިލިޔަން ރުފިޔާއާ އެކު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކުންފުންޏަށް ލިބުނީ ޖުމްލަ 115.9 މިލިޔަން ރުފިޔާގެ ފައިދާއެކެވެ.
އެހެން ނަމަވެސް މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ޖުމްލަ އާމްދަނީއާ އަޅާ ބަލާއިރު މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެސްޓީއޯ އިން 191.9 މިލިޔަން ރުފިޔާގެ ފައިދާއެއް ހޯދި އެވެ. އެއީ މިއަހަރާ އަޅާ ބަލާއިރު 39 ޕަސަންޓު އިތުރު އަދަދެކެވެ.
އެސްޓީއޯގެ ދެވަނަ ކުއާޓަރު ރިޕޯޓު ބުނާ ގޮތުގައި، ދެވަނަ ކުއާޓަރުގެ ތެރޭގައި އެސްޓީއޯގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރިޔަށެވެ. އެގޮތުން، ކ. ފުނަދޫގައި ތެޔޮ ރައްކާކުރާ ފެސިލިޓީ ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން، ޓޭންކުތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ހުޅުމާލޭގައި އެސްޓީއޯ އިން ތަރައްގީކުރާ ރެޑިސަލް ހޮޓެލްގެ މެކޭނިކަލް، އިނިޖިނިއަރިންގް، ފާނިޝިންގް އަދި ގްލޭޒިންގް މަސައްކަތްތައް ވެސް ކުރިޔަށްދާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.