18 May 2010, 09:31
14:30
ބޭރުގެ ފަރާތަކަށް މާލޭ އިންޓަނޭޝަނަލް އެއަރޕޯޓު ޙަވާލުކުރުމަކީ ދިވެހިންގެ މަސްލަޙަތު އެންމެ ހެޔޮގޮތުގައި ތަމްސީލުކުރެވޭނެ ކަމެއް ނޫން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓުން ހޯދާ ފައިދާއަށް ބައްލަވާލައްވައި އަމިއްލަފުޅު ބްލޮގްގައި، ނަޝީދު ވިދާޅުވެފައި ވަނީ، ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، 1.7 ބިލިޔަން ރުފިޔާ އެ ކުންފުނިން ފައިދާވެފައިވާ ކަމަށެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ޙިއްސާގެ ފައިދާގެ ގޮތުގައި ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ސަރުކާރަށް ދައްކާފައިވާ ކަމަށާއި އެއަރޕޯޓަކީ ފައިދާވަމުންދާ އަދި ނަފާ ނެރެވޭ ވިޔަފާރިއަކަށްވާއިރު، ބޭރު ބަޔަކަށް ދޫކޮށްލުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ނަޝީދު ސުވާލު ކުރައްވާފައިވެ އެވެ.
ފައިދާއަށް ހުރި ގޮންޖެހުންތަކަށް ބައްލަވައިލައްވައި ނަޝީދު ވިދާޅުވެފައި ވަނީ،10 އަހަރު ދުވަހުގެ ތެރޭގައި، އެ ކުންފުނިން ފައިދާ ހޯދާފައި ވަނީ، މައްސަލަތަކާ ވެސް އެކުގައި ކަމަށެވެ. އެމައްސަލަތައް ފާހަގަކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ، އެއަރޕޯޓު ތަރައްޤީކުރުމުގެ 3 ވަނަ ޕްރޮޖެކްޓް، 25 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން، ނިންމާފައިވާ ކަމަށާއި، 4 ވަނަ ޕްރޮޖެކްޓް 50 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާގުޅިގެން ނަގާފައިވާ ލޯނަށް ދައްކަންޖެހޭ ފައިސާ އިންޓްރަސްޓާއެކު، ޚިލާފުވުމެއްނެތި، ދައްކަމުންދާ ކަމަށާއި، ތަން ތަރައްޤީކުރުމަށްޓަކައި ކުރެވިފައިވާ ހޭދަތަކުގެ ޚަރަދު ހޯދުމަށްޓަކައި، ފުރާ ފަސިންޖަރުންގެ އަތުން އެއްވެސް ފައިސާއެއް، ނަގާފައިނުވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ފުރާ ފަސިންޖަރުން، ދައްކަމުންދިޔަ ޓެކްސްވެސް، 18.5 ޑޮލަރަށް ބަދަލުކުރީ، އިހަށްދުވަހު ޤާނޫނަށް ގެނައި ބަދަލަކުން ކަމަށް ވެސް ނަޝީދު ފާހަގަ ކުރައްވާފައިވެ އެވެ. އަދި ފައިދާ ދައްކާ އެއް ދާއިރާކަމުގައިވާ ގްރައުންޑް ހޭންޑްލިންގގެ ހުރިހާ މަސައްކަތެއް، 16 އަހަރު ދުވަހުގެ ތެރޭގައި، ކުންފުނިން ކޮށްފައިވަނީ، އައިލެންޑް އޭވިއޭޝަނާ ގުޅިގެން، ލިބޭ ފައިދާ، ހަމަހަމައަށް ޙިއްސާކުރާ ގޮތަށް ކަމަށާއި، އެ މަސައްކަތްތަކަށް ނަގާ އަގު، އެ މުއްދަތުގެ ތެރޭގައި ބަދަލުކޮށްފައިނުވާ ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ. ނެވިގޭޝަން ޗާރޖުގެ ގޮތުގައި ނަގާ ފައިސާގެ އަގަށް، 9 އަހަރު ދުވަހުގެތެރޭގައި، އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، އެކިއެކި ގޮތްގޮތަށް އެއަރޕޯޓުން، ކުއްޔަށް ދޫކޮށްފައިވާ ތަންތަނުންނާއި ޚިދްމަތްތަކުން ލިބެންޖެހޭ ކުލީގެ އަގު ވެސް ބަދަލުކޮށްފައިނުވާކަން ނަޝީދު ފާހަގަ ކުރައްވާފައިވެ އެވެ. އަދި ސަރުކާރަށް ދައްކަންޖެހޭ ލޯނު، ކަނޑައަޅާފައިވާ އިންޓްރަސްޓާއެކު، ދައްކަމުންދާއިރު 10 އަހަރު ދުވަހުގެތެރޭގައި، ސަރުކާރުގެ އެއްވެސް ސަބްސިޑީއެއް، ނުވަތަ މާލީ އެހީއެއް، ކުންފުނިން ހޯދާފައިނުވާކަން ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ޑިޔުޓީފްރީގެ ދާއިރާއިން ލިބޭ ފައިސާއަކީ، ސަރުކާރަށް ނަގާ ފައިސާއެއް ކަމަށާއި، އާ ސަރުކާރު އައިސް، އާ ބޯޑު އެކުލަވާލާފައިވާއިރު ކުންފުނީގެ އާމްދަނީ އިތުރު ކުރުމަށާއި ޚަރަދު ކުޑަކުރުމަށާއި ތަނުގެ ތަރައްޤީއަށް މުހިންމު އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު އެއާޕޯޓް ބޭރުބަޔަކަށް ދޫކޮށްލުމަށްވުރެ، އެކަންކަން ރަނގަޅުކޮށްގެން، އާމްދަނީ އިތުރުކުރަން ވިސްނެވުން މާ ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.