ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ދެ ބުރީގެ އާ އިމާރާތެއް އެޅުމަށް ކުވައިތު ސަރުކާރުން ދެލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) ހަދިޔާކޮށްފި އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ކުވައިތުގެ އެމްބަސީން ރާއްޖެ އަށް ހަދިޔާކުރި އެ ފައިސާގެ އެހީގައި އަޅާ ދެ ބުރީގެ އިމާރާތުގައި ހިމެނެނީ ހަތަރު ކްލާސް ރޫމާއި ކޮމްޕިއުޓަރު ލެބޯޓްރީއަކާއި ލައިބްރަރީ އަކާއި ޓްރެއިނިން ރޫމެކެވެ.

އެ އެމްބަސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ފައިސާ ހަދިޔާކުރަނީ އޭކޭ ފައުންޑޭޝަން ޗޭރިޓީ މެދުވެރިކޮށް ކަމަށެވެ. އޭކޭ ފައުންޑޭޝަނަކީ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލުގެ ފައުންޑޭޝަނެކެވެ.

ކުވައިތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޚަލަފް ބުދައިރު ވިދާޅުވީ ކުވައިތު ސަރުކާރާއި ކުވައިތު ފަންޑުން އަންނަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.