03 Aug 2017, 10:09
ދާދިފަހުން މާލޭގައި ހިންގި މާރާމާރީތަކާ ގުޅިގެން 34 މީހަކު ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ 34 މީހުން ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.
އެހެން ކަމުން ހައްޔަރު ކުރަން އުޅޭ މީހުންގެ ވަނަވަރު އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
"އެކަމުގެ ތަފްސީލް ފަހުން ހާމަ ކުރާނަން" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިއީ އަނެއްކާ ވެސް މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިންގާ ދުވަސްވަރެކެވެ. މި ހަފްތާގެ ތެރޭގައި ދެ ޒުވާނުން މަރާލާފައިވާ އިރު ފަސް މާރާމާރީއެއް ވަނީ ހިންގައިފަ އެވެ. އެމާރާމާރީތަކުގައި ހަތް މީހަކު ޒަޚަމްކޮށްލާފައިވެ އެވެ.
މާރާމާރީތައް ހުއްޓުމުގެ ގޮތުން މީގެ ކުރިން ވަނީ ކުށްކުރާނެކަމަށް ބެލެވޭ ފަރާތްތަކުގެ ފައިގަޓެގްއަޅުވާފައެވެ. އެއާއެކު ކުށްކުރުން މަދުވާކަމަށް ފުލުހުން ބުނެއެވެ.