03 Aug 2017, 09:23
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް
* * * *
އައުސުވަންހައިގެ ބޭކަލުން ޖާވާބުދެއްވިއެވެ. " އޭ ފާސިޤާއެވެ! މާތްﷲ ކަލޭގެ ލޮލަށް ފިނިކަމެއް ނުދެއްވާށިއެވެ!" އެޖަވާބު އަޑުއިވުމުން އޭނާ ބުންޏެވެ. " އަހަރެންގެ ޤައުމު އަހަންނަށްފަހު ވަނީ ނުބައިކަމުގައި ހައްޔަރުވެފައެވެ."
ޤުރައިޝުން މުސްލިމުންގެ ސަފުތައް ބައިބައިކުރަންކުރި ދެވަނަ މަސައްކަތްވެސް ވަނީ މިގޮތުން ނާކާމިޔާބުވެފައެވެ. މިކަންކަމުން އެނގެނީ ޤުރައިޝުންގެ ޢަދަދު ގިނަކަމާއި، ކާބޯތަކެއްޗާއި ހަތިޔާރުގެ ގޮތުން މުއްސަނދިކަމާއެކުވެސް މުސްލިމުން ދެކެ ޖެހިލުންވެފައި ތިބިވަރެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިސްލާމީ ލަޝްކަރު ތަރުތީބުކުރެއްވުމަށްފަހު ލަޝްކަރަށް ނަސޭހަތްދެއްވިއެވެ. ދުޝްމިނުންނާ ބައްދަލުވާހިނދު ސާބިތުކަމުގައި ދެމިތިބުމަށާއި،ކެތްތެރިކަމާއި ހިތްވަރާއެކު ހަނގުރާމަކުރަން އިރުޝާދުދެއްވިއެވެ. އެކަމުގެ ދަރުމަ ބޮޑުކަމާއި ފައިދާގެ ގިނަގުނަކަން ބަޔާންކުރެއްވިއެވެ. ސާބިތުކަންމަތީ ދެމިތިއްބެވިއްޖެނަމަ ފަޠަހަލިބޭނެކަމުގެ އުފާވެރި ޚަބަރުދެއްވިއެވެ. އިތުރުސާހިބާގެ އަމުރުފުޅު ނުލިބެނީސް އެކީ އެކައްޗަކަށް ޙަމަލަ ނުދޭން އެންގެވިއެވެ.
އިސްލާމީ ލަޝްކަރުގައި ހިތްވަރާއި ފަންވަރުގެ ރޫޙު އުފައްދަވަމުން އެމާތް ސާހިބާގެ ވަރަށް އަގުހުރި ތޫނު ކަނޑިކޮޅެއް އުރަކޮޅުން ދަންމަވައިގަންނަވައިފައި ޞަޙާބީންނަށް ދައްކައިލެއްވިއެވެ. އިތުރުސާހިބާ ސުވާލުކުރެއްވިއެވެ. މިކަނޑީގެ ޙައްޤު އަދާކުރުމުގެ މައްޗަށް މިކަނޑި ލިބިގަންނާނީ ކާކުހެއްޔެވެ؟ އިތުރުސާހިބާ އެ ދަޢުވަތު ދެއްވުމާއިއެކު ޞާޙާބީންގެ އެތައް ހެވީންނެއް އެކަމަށް އަވަސްވެވަޑައިގެންނެވިއެވެ. އެބޭކަލުންގެ ތެރޭގައި ޢަލީބިން އަބީ ޠާލިބާއި، ޢުމަރުބުނުލް ޙައްޠާބުއާއި އައްޒުބައިރު ބުނުލް ޢައްވާމު (ރަޟިޔަﷲ ޢަންހުމް) ފަދަ އެތައް ފަހުލަވާނުންނެއް ތިއްބެވިއެވެ. ނަމަވެސް އަބޫދުޖާނާ އައްސިމާކު ބިން ޚަރުޝާ ރަޟިޔަﷲ ޢަންހު ކުރިއަށް ޖެހިވަޑައިގެން ސުވާލުކުރެއްވިއެވެ.
" އޭ މާތްﷲގެ ރަސޫލާއެވެ! ތިޔަ ކަނޑިކޮޅުގެ ޙައްޤު އަދާކުރުމަކީ ކޮބައިތޯއެވެ؟"
އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދިޘުކުރެއްވިއެވެ. " މިކަނޑި ގުދުވެއްޖައުމަށް ދާންދެން މުޝްރިކުންގެ ކަނދުރާތަކުގައި ކަނޑިން ޖެހުމެވެ."
އަބޫ ދުޖާނާ ވިދާޅުވިއެވެ. "އޭ މާތްﷲގެ ރަސޫލާއެވެ! ތިޔަކަނޑިކޮޅު ލިބިގަނެ ކަނޑިކޮޅުގެ ޙައްޤު އަދާކުރަން އަޅުގަނޑު ބޭނުމެވެ." އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަބޫދުޖާނާ އަށް އެކަނޑިކޮޅު ދެއްވިއެވެ.
އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އަކީ މަޝްހޫރު ހެވީންކުރެވެސް ނަންފުޅުވިދާ ބޭކަލެކެވެ. ހަނގުރާމައިގެ ވަގުތުގައި ހިންގަވައި އުޅުއްވަނީވެސް އަމިއްލަފުޅު ނަފުސަށް އޮންނަ ޔަޤީންކަމާއި އިތުބާރު ރަމްޒުކޮށްދޭ ފަތަރާސީ ހިންގެވުމެކެވެ. އެކަލޭގެފާނު ރަތްކުލައިގެ ފަގުޑިކޮޅެއް ގެންގުޅުއްވައެވެ. އެ ފަގުޑިކޮޅު އިސްތަށިފުޅުގައި އަޅުއްވައިފިނަމަ އޭގެމާނާއަކީ އެކަލޭގެފާނު ފަސްޖެހިވަޑައިގަތުމެއްނެތި ދެނަތީޖާ އިންކުރެ އެއްނަތީޖާއަކާ ހަމައަށް ހަނގުރާމަ ކުރައްވާނެކަމެވެ. އަބޫދުޖާނާ ކަނޑިކޮޅު އަތުލެއްވުމަށްފަހު އިސްތަށިފުޅުގައި ރަތް ފަގުޑިކޮޅެއް އަޅުއްވައިލެއްވިއެވެ. އެއަށްފަހު ދެލަޝްކަރުގެ ދެމެދަށް ނިކުމެވަޑައިގެން އެކަލޭގެފާނު ހަނގުރާމައިގެ މައިދާނުގައި ހިންގަވައި އުޅުއްވާ ފަތާރާސީ ހިންގެވުމުގައި ހިންގަވާން ފެއްޓެވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް އެތަން ފެނިވަޑައިގަތުމުން ޙަދީޘުކުރެއްވިއެވެ. "އެހިނގުމަކީ މިފަދަ މުނާސަބާތަކުގައި މެނުވީ މާތްﷲ ރުހިވޮޑިގެންވާ ހިނގުމެއްނޫނެވެ.
ހަނގުރާމަ ފެށުން
ހަނގުރާމަ ފެށުނީ 7 ޝައްވާލު 3 ހ. (23 މާޗް 625) ގައެވެ. އެދުވަހުގެ ހެނދުނުއެވެ. ހަނގުރާމަ ފެށުމުގައި އިސްނެގީ ޤުރައިޝުންގެ ފަރާތުންނެވެ. އެންމެ ފުރަތަމަ މައިދާނަށް ނެރުނީ ޤުރައިޝުންގެ އަންހެން ކޮނޑިއެވެ. އެބައިމީހުންގެ އަންހެން ކޮމާންޑަރ ހިންދު ބިންތި ޢުތުބާ (އަބޫސުފްޔާނުގެ އަނބުކަނބަލުން)ގެ ވެރިކަމުގެ ދަށުގައި، ދަފުޖަހައިފައި ނަށަމުން ލަވަކިޔަމުން ނިކުމެ މުޝްރިކުންގެ ލަޝްކަރަށް ހިތްވަރުދިނެވެ. އެބައިމީހުން އެންމެ ފުރަތަމަ ކީ ލަވައިގައި ކިޔައިފައެވެ.
" އޭ ބަނީ ޢަބްދުއްދާރެވެ! އޭ ބުރަކަށި ހިމާޔަތްކުރާ މީހުންނޭވެ! ކަނޑި އެތިފަހަރުތައް ބަރާބަރަށް ބޭނުންކުރާށެވެ. ކަނޑިގެންގުޅޭ (ދުޝްމިނުންކުރެ ) ކޮންމެ މީހަކަށް ވަރުގަދަ ޙަމަލާއެއްދޭށެވެ."
މިއީ ލަޝްކަރުގެ ދިދަ އުފުލާ މީހުންނާ މުޚާތަބުކުރިކުރުމެކެވެ. ދެވަނައަށް ޢާއްމުކޮށް ސިފައިންނާ މުޚާޠަބުކޮށް ދެވަނަ ލަވައިގައި ކިޔައިފައިވެއެވެ.
" އަހަރުމެންނަކީ ފަލަކުތަކުގައި ވިދާތަރިތަކުގެ އަންހެން ދަރީންނީމުއެވެ. ކުރިއަށް އަރައިގެންގޮސް ހަމަލަދޭނަމަ އަހަރެމެން ތިޔަބައިމީހުން އުރަށްލަފައި ކަރާކަރު ޖައްސައިލާނޫއެވެ. މަޑުމަޑު އޮމާން ދޫލަތައް ފަތުރައިދޭނޫއެވެ. ފަހަތަށް ޖެހިއްޖެނަމަ އަހަރެމެން ތިޔަބައިމީހުނާ ރުޅިވާނޫއެވެ. ތިޔަބައި މީހުނަށް ފުރަގަސްދީފައި ވަކިވެގެން ހިނގައިދާނޫއެވެ."
އެންމެ ފުރަތަމަ ޙަމަލަފެށީ ޤުރައިޝުންގެ ޙަލީފުންކަމުގައިވާ ހަވާޒިނުވަންހައިގެ ފަހުލަވާނުންނެވެ. އެބައިމީހުން ނިކުތީ ތިމާމެން މުލައްދަނޑީގެ ބާރާއި ހެވިކަމުގެ ކުޅަދާނަކަމާ މެދު ބޮޑާވެ ފަޚުރުވެރިވަމުންނެވެ. އެބައިމީހުން ކުއްލިގޮތަކަށް މުސްލިމުންނާ ދެކޮޅަށް އަރައިގަތެވެ. ނަމަވެސް އިސްލާމީ ލަޝްކަރުގެ ދުނިދަނޑިވެރީންގެ ވަރުގަދަ ޙަމަލައިން ދުޝްމިނުންގެ މޫނުތައް ފުރަގަހަށް އަނބުރައިލިއެވެ.
އެއަށްފަހު ޢަބްދުއްދާރުވަންހައިގެ ފަހުލަވާނުން މުޝްރިކުންގެ ދިދަހިފައިގެން ކުރިއަށް ނުކުމެއްޖެއެވެ. އެދުވަސްވަރުގެ ހަނގުރާމަތަކުގައި ދިދައަށް ލިބިފައި އޮންނަނީ ވަރަށް ޚާއްޞަ އަހަންމިއްޔަތެކެވެ. ދިދަޔަކީ ލަޝްކަރުގެ ހިތްވަރާއި އަޒުމުގެ ނިޝާނެވެ. ދިދަ ވެއްޓިއްޖެނަމަ ލަޝްކަރުގެ ފައިތިލަތައް މައިދާނުން އުފުރިދެއެވެ. އެހެންކަމުން އަބޫސުފްޔާނުވަނީ ކޮންމެ ފަދަ ޤުރުބާނީއެއްވާންޖެހުނަސް ދިދަ ވެއްޓުނަ ނުދޭނެކަމަށް ޢަބްދުއްދާރުވަންހައިގެ މީހުން ލައްވައި ޢަހްދުކުރުވައިފައެވެ.
ޢަބްދުއްދާރު ވަންހައިން މިހަނގުރާމަޔަށް އައިސްތިބީ ވަރަށް މަދުބައެކެވެ. ނުވަވަރަކަށް މީހުންނެވެ. ޤުރައިޝުންގެ ދިދައިގެވެރިކަން ޢަބްދުއްދާރުވަންހަޔަށް ލިބިފައިވަނީ ޢަބްދުމަނާފުގެ ބޭފުޅުންގެ މެދުގައި ޤުޞައްޔުގެ ތަރިކައިން ލިބިވަޑައިގެންނެވި ވެރިކަމުގެ މަޤާމުތައް ބައްސަވައިލެއްވުނު އިރުއެވެ. ދިދައިގެ ވެރިކަމަކީ ކާބަފައިންގެ ޒަމާނުއްސުރެ ޢަބްދުއްދާރުވަންހަޔަށް އޮންނަ މަޤާމަކަށްވާތީ އެއްވެސް ބަޔަކު އެކަމާ އިންކާރެއްވެސް ނުކުރެއެވެ. ނަމަވެސް އުޙުދުގެ ކޮމާންޑަރ އިންޗީފު އަބޫސުފްޔާނު ޢަބްދުއްދާރުވަންހައަށް ހަނދާންކޮށްދެއްވިއެވެ.
" އޭ ޢަބްދުއްދާރުވަންހައިގެ މީހުންނޭވެ! ބަދުރުހަނގުރާމައިގައި އަހަރެމެންގެ ދިދައިގެ ވެރިޔަކަށް ހުރީ ތިޔަބައިމީހުންގެ ނަޟަރު ބިން ޙާރިޘެވެ. އޭނާ ހައްޔަރުވުމުން އަހަރެމެންނަށް ކުރިމަތިވީ ކިހާބޮޑު މުޞީބާތްތަކެއް ހެއްޔެވެ؟" މިވާހަކަ ހަނދާންކޮށްދެއްވުމަށްފަހު ޢަބްދުއްދާރުވަންހައިގެ މީހުން އިތުރަށް ރުޅިއަރުވައިލެއްވުމަށްޓަކައި ވިދާޅުވިއެވެ. " އެދުވަހު ތިޔަބައިމީހުން ދިދައިގެ ވެރިކަމުގައި ތިބެ އަހަރެމެންނަށް ކުރިމަތިވި މުސީބާތް ތިޔަބައިމީހުންވެސް ހަނދާންހުންނާނެއެވެ. ޙަޤީޤަތުގައި ލަޝްކަރަށް ކުރިމަތިވާ ކޮންމެ ހާލަތެއްވެސް ކުރިމަތިވަނީ ދިދައިގެ ސަބަބުންނެވެ. ދިދަވެއްޓިއްޖެނަމަ ލަޝްކަރުމައިދާނުގައި ސާބިތުވެއެއް ނޯންނާނެއެވެ. އެހެންކަމުން މިފަހަރު ތިޔަބައިމީހުން ދިދަ ރަނގަޅަށް ސަމާލުކުރާށެވެ. އެހެންނޫނީ ދިދައާއި އަހަރެމެންނާ ދެމެދުން އެއްފަރާތްވާށެވެ. އަހަރެމެން ދިދަ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައިފާނޫއެވެ."
އަބޫސުފްޔާނުގެ މިވާހަކަފުޅުގެ މަޤްޞަދުގައި އޭނާ ކާމިޔާބު ހޯއްދެވިއެވެ. އެހެނީ އެވާހަކަފުޅުތައް އަޑުއިވުމުން ޢަބްދުއްދާރުވަންހައި މީހުން ވަރަށް ބޮޑަށް ލޭކެކޭ ގޮތްވިއެވެ. އެމީހުން އިންތިހާދަރަޖައިގެ ޣީރަތާއެކު އަބޫސުފްޔާނަށް ޖަވާބުދިނެވެ. "އަހަރެމެންގެ ދިދަ ތިބާއާ ޙަވާލުކުރާނެކަމަށް ހީކުރަމުހެއްޔެވެ. އަހަރެމެން ދިދަ ބަލަހައްޓަނީ ކިހިނަކުންކަން މާދަމާ އެންމެނަށްވެސް ފެންނާނެއެވެ."
އުޙުދު ހަނގުރާމައިގައި އެންމެ ފުރަތަމަ ޤަތުލުވި މީހަކީ މުޝްރިކުންގެ ދިދައިގެވެރިޔާ ޠަލްޙަތު ބިން އަބީޠަލްޙަތުލް ޢަބްދަރީއެވެ. އޭނާއަކީ ޤުރައިޝުންވަންހައިގެ އެންމެ ހިތްވަރުގަދަ އެންމެ ގަދަފަދަ ފަހުލަވާނުން ކުރެ އެކެކެވެ. އެނާއަށް މުސްލިމުން ދީފައިވާ ވަނަމަކީ "ލަޝްކަރުގެ ކަންބަޅިއެވެ" އެނާ ޖަމަލަކަށް ސަވާރުވެގެން ނިކުމެ މުސްލިމުންނަށް މުބާރަޒާކުރުމަށް ދަޢުވަތުދިނެވެ. އޭނާގެ ހިތްވަރުގަދަކަމުގެ ވާހަކަތައް މަޝްހޫރުވެފައި އޮންނަލެއް ބޮޑުކަމުން ޢާއްމު ޞަޙާބީން އޭނާއާ މުބާރަޒާކުރައްވަން ފަސްޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އައްޒުބައިރުބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު އޭނާއާ ދިމާޔަށް ވަޑައިގެން އޭނާއަށް ކުޑަވެސް ފުރުޞަތެއް ނުދެއްވައި ސިންގާއެއް ފަދައިން ފުންމަވައިވަޑައިގެން އޭނާގެ ޖަމަލު މައްޗަށް ޖެހިވަޑައިގެންނެވިއެވެ. އޭނާ އުކުޅަށް އަރުއްވައިގެން ބިންމައްޗަށް ފުންމައިލައްވައި އޭނާ ޤަތުލުކޮށްލެއްވިއެވެ. (ބައެއް ރިވާޔަތްތަކުގައި ޒުބައިރުގެފާނުގެ ނަންފުޅުގެ ބަދަލުގައި އައިސްފައިވަނީ ޢަލީގެފާނުގެ ނަންފުޅެވެ.) ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް އެހިތްވަރުގަދަ މަންޒަރު ފެނިވަޑައިގެންނެވުމުން އުފާފުޅުން ތަކުބީރު ވިދާޅުވިއެވެ. މުސްލިމުންވެސް ﷲ އަކްބަރުގެ ނަޢުވާކުރިއެވެ.
ހަނގުރާމައިގެ އެންމެ ބާރުބޮޑު މަރުކަޒުގެ ބާރުކެނޑުމާއި، ދިދަ އުފުލާނެ މީހަކު ނެތި ހުސްވުން
އެހައިތަނުން މުޅިމައިދާނުގައިވަނީ ހަނގުރާމައިގެ ހުޅުފަޅައިގެން ގޮސްފައެވެ. މަޢުރިކާގެ އެންމެ ބާރުބޮޑު ނުކުތާއަކީ މުޝްރިކުންގެ ދިދައިގެ ކައިރިއެވެ. ޢަބްދުއްދާރުވަންހައިގެ ކޮމާންޑަރ ޤަތުލުވުމުން އެވަންހައިގެ ނުވަ މީހުން އެކަކަށްފަހު އަނެކަކު އެދިދަ އުފުލިއެވެ. އެއެންމެންވެސްވަނީ މުސްލިމުންގެ އަތުން ޤަތުލުވެފައެވެ.
ޠަލްހަތު ބިން އަބީތަލްޙަތަށްފަހު ދިދައިގައި ހިފީ ޢުޘްމާން ބިން އަބީޠަލްޙަތެވެ. މުސްލިމުންގެ ތެރެއިން އޭނާއާ ހަމަލަދެއްވީ ޙަމްޒާބިން އަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހުއެވެ. ޙަމްޒަތުގެފާނު އޭނާގެ ކޮނޑުގައި ކަނޑިކޮޅުން ޖެއްސެވި އެތިފަހަރުން ފޫޅާހަމައަށް ފަޅުއްވައިލެއްވިއެވެ. ދިދައިގައި ދެން ހިފީ އަބޫސައީދު ބިން އަބީ ޠަލްޙަތެވެ. ސަޢުދުބިން އަބީވައްޤާޞު ރަޟިޔަﷲ ޢަންހު ޖެއްސެވި ދުނި އަމާޒުވީ އަބޫސަޢީދުގެ ކަރަށެވެ. އޭނާގެ ދޫ ބޭރަށް ނުކުމެ މަރުވެގެން ވެއްޓިއްޖެއެވެ. (ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި އަބޫސައީދު މުބާރަޒާގެ ދައުވަތުދިނުމުން ނިކުމެވަޑައިގަތީ ޢަލީގެފާނެވެ. އޭނާ ޤަތުލުކުރެއްވީ ޢަލީގެފާނެވެ.)
ދެން ދިދައިގައި ހިފީ މުސާފިއު ބިން ޠަލްޙަޠު ބިން އަބީޠާލްޙަތެވެ. ޢާޞިމު ބިން ޘާބިތު ބިން އަބީ އަފުލަޙު ރަޟިޔަﷲ ޢަންހު ދުންޏެއް ޖައްސަވައި އޭނާ ޤަތުލުކޮށްލެއްވިއެވެ. ދެންދިދައިގައި ހިފީ އޭނާގެ އަޚު ކިލާބު ބިން ޠަލްޙަތު ބިން އަބީޠަލްޙަތެވެ. ޠަލްޙަތު ބިން ޢުބައިދުﷲ ރަޟިޔަﷲ ޢަންހު ލޮންސީން ހަމަލަދެއްވައި އޭނާ ޤަތުލުކޮށްލެއްވިއެވެ. (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އޭނާ ޤަތުލުކުރެއްވީ ޢާޞިމުބިން ޘާބިތު ބިން އަބީ އަފުލަޙު ރަޟިޔަﷲ ޢަންހުއެވެ.) މިއެންމެންނަކީވެސް އެއް ޢާއިލާއެއްގެ މެމްބަރުންނެވެ. އެއް ގެއެއްގެ އަހްލުވެރިންނެވެ. އަބޫޠަލްޙަތު ޢަބްދުﷲ ބިން ޢުޘްމާން ބިން ޢަބްދުއްދާރުގެ ދަރިންނާއި ކާފަދަރީންނެވެ.
މުޝްރިކުންގެ ދިދައިގައި ދެންވެސް ހިފީ ޢަބްދުއްދާރުވަންހައިގެ މީހެކެވެ. އަރްޠާތު ބިން ޝުރަޙަބީލެވެ. އޭނާ ޤަތުލުކުރެއްވީ ޢަލީގެފާނު ކަމުގައްޔާއި، ޙަމްޒަތުގެފާނު ކަމުގައްޔާ، މިދެގޮތަށްވެސް ރިވާޔަތްތައް އައިސްފައިހުރެއެވެ. އޭނާ މަރުވުމުން ދިދައިގައި ހިފީ ޝުރައިޙު ބިން ޤާރިޡެވެ. އޭނާ ޤަތުލުކުރީ ޤުޒްމާނެވެ.
(ނުނިމޭ)