ބްރެސިލިއާ (އޮގަސްޓް 3): ބްރެޒިލްގެ ރައީސް މިޝޭލް ޓެމާގެ ކޮރަޕްޝަނުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ފޮނުވަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ދެކޮޅުހަދައިފި އެވެ.

ޓެމާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއްގަމު މަސް ބަންދުކުރާ ކުންފުންޏެއް ކަމަށްވާ ޖޭބީއެސްގެ ފަރާތުން 12 މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށެވެ.

އެމައްސަލަ ސުޕްރީމް ކޯޓަށް ފޮނުވަން 342 މެމްބަރުންގެ ވޯޓު ބޭނުންވާ އިރު އެއާ އެއްކޮޅަށް ވޯޓު ދެއްވީ 227 މެމްބަރުންނެވެ. އަދި އެ މައްސަލަ ކޯޓަށް ފޮނުވުމާ ދެކޮޅަށް 513 މެމްބަރުން ވޯޓު ދިނެވެ.

އެވޯޓު ކުރިއަށް ދިޔައިރު މަޖިލީހުގައި ތިއްބެވި ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. އަދި ބައެއް މެމްބަރުން އެހެން މެމްބަރުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް، ފޭކު ބޭންކް ނޫޓުތައް އުކާފައިވެ އެވެ.

އެވޯޓާ ގުޅިގެން ރައީސް ޓެމާ ވަނީ އެއީ ވަރަށް ސާފު ކާމިޔާބީއެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ތާއިދާ އެކު ގައުމަށް ބޭނުންވާ އިސްލާހުތައް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަންނަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ ދައުރު ހަމަވަންދެން ވެރިކަމުގައި ހުންނަވާނެ ކަމަށް ވެސް ޓެމާ ވިދާޅުވި އެވެ.

ރައީސް ޓެމާގެ ކޮރަޕްޝަނުގެ މައްސަލަ ސުޕްރީމް ކޯޓަށް ފޮނުވަން މަޖިލީހުން ފާސް ކުރި ނަމަ ހަ މަސް ދުވަހަށް އޭނާ މަގާމުން ސަސްޕެންޑު ކުރެވޭނެ އެވެ. އަދި ސުޕްރީމް ކޯޓުގައި މައްސަލަ ބެލުމަށް ފަހު އޭނާ މަގާމުން ދުރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ރައީސް ޓެމާ ވެރިކަމާ ހަވާލުވީ ކުރީގެ ރައީސާ ޑިލްމާ ރޫސެފް ދައުލަތުގެ ބަޖެޓަށް މަކަރުހެދި ކަމަށް ބުނެ ގާނޫނު ހަދާ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމުންނެވެ. (ބީބީސީ)