03 Aug 2017, 08:44
ގެދޮރު އިމާރާތްކުރުމާއި، ގެދޮރު ގަތުމާއި ގެދޮރު މަރާމާތުކުރުމަށް ފައިނޭންސް ފެސިލިޓީތަކެއް ފޯރުކޮށްދޭ، ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން އަންނަ އާދީއްތަ ދުވަހު ވަރަށް ޚާއްސަ މަޝްރޫއެއް ފަށާނެއެވެ.
އެއީ ސުކޫކު ވިއްކުމެވެ. މިއަހަރުގެ ޖުލައި މަހުގެ ހަވަނަ ދުވަހު އެޗްޑީއެފްސީގެ ސުކޫކު އިޝޫކުރި އިރު، އަވަސް މުއްދަތެއްގެ ތެރޭގައި ސުކޫކު ވިއްކުމުގެ ކަންކަން ކުރިޔަށް ދާނެއެވެ.
ސުކޫކު
ކޮންވެންޝަނަލް ފައިނޭންސް އުސޫލުން ބޮންޑު ވިއްކާ ފަދައިން، އިސްލާމިކް ޝަރީޢާ އުސޫލުން ވިއްކާނީ ސުކޫކެވެ. ސުކޫކަކީ އިސްލާމިކް ބޮންޑެވެ.
ސުކޫކުން އަންގައިދެނީ މުދަލެއްގެ ދަރަންޏަށް ވުރެ ބޮޑަށް އޭގެ އޯނަޝިޕެވެ.
ރާއްޖޭގައި ސުކޫކުގެ ތަރީޚު
ރާއްޖޭގައި އެންމެ ފުރަތަމަ ސުކޫކެއް ވިއްކީ އެޗްޑީއެފްސީންނެވެ. ދެހާސް ތޭރަވަނަ އަހަރު، 500 ރުފިޔާއަށް ސުކޫކެއްގެ އުސޫލުން، އެޗްޑީއެފްސީން 467 ފަރާތަކަށް 45،132 ސުކޫކު ވިއްކިއެވެ.
އެޗްޑީއެފްސީއިން ސުކޫކު ވިއްކަނީ، އެކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެޗްޑީއެފްސީން ކޮންވެންޝަނަލް އަދި ޝަރީއާ އުސޫލުން ހައުސިންގް ފައިނޭންސް ފޯރުކޮށްދެއެވެ. ސުކޫކު ވިއްކައިގެން ރެއިޒްކުރާ ކެޕިޓަލް ބޭނުންކުރާނީ އިސްލާމިކް އުސޫލުގެ ދަށުން ހައުސިންގް ފައިނޭސްނސް ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.

އެޗްޑީއެފްސީގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ޝަފީގު -- ފޮޓޯ: އެޗްޑީއެފްސީ
އެޗްޑީއެފްސީގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ޝަފީގު "ސަން"އަށް ވިދާޅުވީ، 2013 ވަނަ އަހަރު އެކުންފުނިން ސުކޫކު ވިއްކި އިރު، އެއާ ބެހޭ މާ ބޮޑު މައުލޫމާތެއް މީހުންނަށް ނޭނގޭ ކަމަށެވެ.
"ނަމަވެސް ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ގިނަ ބަޔަކަށް ސުކޫކަކީ ކޯއްޗެއްކަން އެނގި، އެއަށް ލޯ ހުޅުވިއްޖެ. އުންމީދަކީ ގިނަ ބަޔަކު ބައިވެރިވެ، އަޅުގަނޑުމެން ބޭނުންވާ ވަރުގެ ފަންޑްސް ރެއިޒްކުރެވޭނެކަމަށް،" އޭނާ ވިދާޅުވިއެވެ.
ވިޔަފާރީގެ ފައިދާ، އަދި އިންވެސްޓްމެންޓް ފައިސާވެސް ލިބޭނެ
އެޗްޑީއެފްސީން އަންނަ ހަފްތާގައި ސުކޫކު ވިއްކަން ފަށާނެއެވެ. މި ސުކޫކު މޮޑެލްއަކީ މުޟާރަބާއެވެ. ނުވަތަ ފައިސާ މެނޭޖުކުރުމެވެ. މާނައަކީ، ޝަރީޢާ ކޮމްޕްލަޔަންޓް މަޝްރޫއުތައް ހިންގުމަށް އެއް ފަރާތުން ދޭ ފައިސާ، އެޗްޑީއެފްސީއިން މެނޭޖު ކުރާނީއެވެ.
އެޗްޑީއެފްސީން ނިންމާފައިވަނީ ސުކޫކެއް 1،000 ގެ ރޭޓުން، 150،000 ސުކޫކު ވިއްކުމަށެވެ.
ސުކޫކަށް ފައިސާ އިންވެސްޓް ކުރުމުން އެ ފައިސާ މެނޭޖުކޮށްގެން ލިބޭ ފައިދާގެ 65 ޕަސަންޓު، ސުކޫކު ގަތް ފަރާތަށް ފައިސާގެ ގޮތުގައި ލިބޭނެއެވެ. ބާކީ 35 ޕަސަންޓު ލިބޭނީ އެޗްޑީއެފްސީއަށެވެ. އިންވެސްޓްމެންޓުން ކިތަންމެ ކުޑަ ނުވަތަ ބޮޑު ފައިދާއެއް ވިޔަސް މި ރޭޓުން ފައިދާ ބަހާނެއެވެ. ފައިދާ ބަހާނީ ސުކޫކުގެ މެޗުއަރިޓީ މުއްދަތު ހަމަވަންދެން، އަހަރަކު ދެ ފަހަރުއެވެ. ފައިދާ ބެހުމުގެ ކަންކަން ކުރިޔަށް ދާނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ދަށުން މޯލްޑިވްސް ސެކުއިރިޓީޒް ޑިޕޮސިޓަރީންނެވެ.

އެޗްޑީއެފްސީގެ މުވައްޒަފުން -- ފޮޓޯ: އެޗްޑީއެފްސީ
އެޗްޑީއެފްސީގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ޝަފީގު ވިދާޅުވީ، އިސްލާމިކް އިންވެސްޓްމެންޓްގެ ފުރުސަތުތައް މަދު ރާއްޖޭގައި، ސުކޫކަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
"ހިއްސާއެއް ގަތުމާ ޚިލާފަށް، ސުކޫކުގެ މުއްދަތު ހަމަވީމަ އިންވެސްޓަރުންނަށް އަނބުރާ އޭގެ ފައިސާ ލިބޭނެ. ސުކޫކުގެ ފައިދާ ލިބިފައި، އޭގެ ފަހުން އިންވެސްޓްކުރި ފައިސާވެސް އަނބުރާ ލިބޭނެ،"
މިސާލަކަށް، މިއަހަރު ތިން ސުކޫކު ގަންނަ ފަރާތަކަށް، އެ ސުކޫކުތަކުން ލިބޭ ފައިދާގެ 65 ޕަސަންޓު އަހަރަކު ދެ ފަހަރަކު ލިބުމަށްފަހު 10 އަހަރު ހަމަވުމުން ސުކޫކު ގަތުމަށް ހޭދަކުރި 3،000 ރުފިޔާވެސް އަނބުރާ ލިބޭނެއެވެ.
ފައިސާ ރައްކާކުރުމަށް ސަޅި ގޮތެއް!
އިންވެސްޓްމެންޓަކީ ފަހަށް ފައިސާ ރައްކާކުރުމަށް ވަރަށް ރަނގަޅު އޮޕްޝަނެކެވެ.
ރާއްޖެއަކީ ފަހަށް ފައިސާ ރައްކާކުރުމުގެ ސަގާފަތެއް މާ ބޮޑަށް އަށަގެންފައި އޮތް ގައުމެއް ނޫނެވެ. ދިވެހީން ފައިސާ ރައްކާ ނުކުރާކަމުގެ ވާހަކަތައް، ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި މާލީ އިދާރާތަކުގެ އިސްވެރިން އަބަދާއި އަބަދު ދައްކައެވެ. އިންވެސްޓްމެންޓްގެ ފުރުސަތަކީ ފަހަށް ފައިސާ ރައްކާކުރުމަށް އޮތް އެންމެ ރަނގަޅު އެއް ވަސީލަތެވެ.
އެޗްޑީއެފްސީގެ ހެޑް އޮފް ފައިނޭންސް ޝަފީގު ވިދާޅުވި ގޮތުގައި، މިހާތަނަށް ރާއްޖޭގައި އެފަދަ ސަގާފަތެއް އަށަގަނެފައި ނުވަނީ ދިގު މުއްދަތުގެ އިންވެސްޓްމެންޓް ފުރުސަތުތައް ނެތުމުންނެވެ. އެޗްޑީއެފްސީން ވިއްކަން އުޅޭ ސުކޫކަކީ ލިބޭ ރަނުގެ ފުރުސަތެކެވެ.
"ރާއްޖެއަކީ ސޭވިންގް ކަލްޗަރއެއް އޮތް ތަނެއްވެސް ނޫން. ނެތް އެންމެ ބޮޑު ސަބަބަކީ އިންވެސްޓް ކުރާނެ އޮޕަޗޫނިޓީތަކެއް ނެތުން. އަޅުގަނޑުމެން މި ބަލަނީ އިސްލާމިކް އުސޫލުން ލޯންގް ޓާމްކޮށް އިންވެސްޓްމެންޓަށް ފުރުސަތެއް ހުޅުވާލަން،" ޝަފީގު ވިދާޅުވިއެވެ.
ޖުލައި މަހު އެޗްޑީއެފްސީން ނެރުނު ޕްރޮސްޕެކްޓަސް ބުނާ ގޮތުން، 1،000 ރުފިޔާއަށް ސުކޫކެއްގެ މަގުން، 150،000 ސުކޫކު ވިއްކަން ހުޅުވާލާނެއެވެ. އެކުންފުނިން ރެއިޒްކުރަން ބޭނުންވަނީ 150 މިލިޔަން ރުފިޔާއެވެ.
ސުކޫކް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ އެޗްޑީއެފްސީ އަމްނާ މެދުވެރިކޮށް އިސްލާމިކް ޝަރީޢާ އުސޫލުން ހައުސިންގް ފައިނޭންސް ފެސިލިޓީތަކަށެވެ.