02 Aug 2017, 20:10
ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާގެ އާ ދަތުރުގައި ހެޔޮ ނަސީބަށް އެދޭ ކަމަށް އެ ކްލަބުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ބުނެފި އެވެ.
އިންސްޓަގްރާމް ޕޯސްޓެއްގައި މެސީ އެގޮތަށް ލިޔެފައިވާއިރު، ދުނިޔޭގެ ރެކޯޑް ފީއަކަށް ނޭމާ ގެންދިއުމުގެ މަސައްކަތް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އިން ދަނީ ކުރަމުންނެވެ.
ޕީއެސްޖީން ވަނީ ނޭމާގެ 222 މިލިއަން ރިލީސް ފީ، ބާސާއަށް ދެއްކުމަށް އެއްބަސްވެފަ އެވެ. އެންމެ ފަހުން ބާސާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ނޭމާ ބައިވެރިވެފައި ނުވާއިރު، ޕީއެސްޖީގެ ޓްރާންސްފާގެ ކަންތައް ނިންމުމަށް ބާސާއިން އޭނާއަށް ހުއްދަ ދީފައިވާ ކަމަށް ވެސް ހަބަރުތައް ބުނަމުންދެއެވެ.
"އެކުވެރިޔާ، މި ހުރިހާ އަހަރެއް އެކުގައި ހޭދަކޮށްލެވުމުން ވަރަށް އުފާކުރަން. ހަޔާތުގެ އާ ދަތުރުގައި ހެޔޮ ނަސީބަށް އެދެން. ވަރަށް ލޯބިވޭ،" މެސީއާއި ނޭމާ ހިމެނޭ ފޮޓޯތަކަކާއެކު ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއެކު އިންސްޓަގްރާމް ޕޯސްޓްގައި މެސީ ދިން މެސެޖުގައި ލިޔެފައިވެއެވެ.
ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އާކޮށްފައި ވަނީ މިދިޔަ މަސްތެރޭގައެވެ. އޭނާއަށް ހަފްތާއެއްގެ މައްޗަށް 565،000 ޔޫރޯ ލިބޭގޮތަށް ވެފައިވާ އެ އެއްބަސްވުން ނިމުމަކަށް އަންނާނީ 2021 އަހަރެވެ. ބާސާގެ ސީނިއާ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ މެސީ ވަނީ އެ ކްލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދައި، ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ކުރީ ސަފުން ޖާގަ ހޯދައިފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި، ނޭމާ ހޯދުމަށް ޕީއެސްޖީން މަސައްކަތްކުރާ ސަބަބު އަދި ނޭމާ ވެސް އެ ކްލަބަށް ދާން ބޭނުންވާ މައިގަނޑު އެއް ސަބަބަކީ މެސީގެ ފަހަތުން އޭނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭތީ އެވެ.