ގާނޫނީ ވަކީލަކާއެކު މާދަމާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިނަށް ފުރުސަތު ދީފި އެވެ.

އަލީ ހުސައިން މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ގާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ.

މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމުން ވަކީލަކާ އެކު މާދަމާ ހާޒިރުވާން އަންގައި ފޮނުވާލީ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އޭގެ އިތުރުން ގާނޫނީ އިންޒާރު ކަމަށް ބުނެ ލިބިގެންވާ ހައްގުތައްވެސް ކިޔައިދީފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

މެމްބަރު އަލީ ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވާގޮތުން ގާނޫނީ އިންޒާރު ދޭން ޖެހޭނީ ފުލުހުންގެ ހައްޔަރަށް ގެންދާ މީހުންނަށެވެ.

އަލީ ހުސައިންގެ އިތުރުން މީގެ ކުރިންވެސް ވަނީ ގިނަ މެމްބަރުންގެތަކެއް ހަމަ އެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފަ އެވެ.

އެ މެމްބަރުންގެ މައްޗަށް ތުހުމަތު ކުރެވެނީ ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރުމާއި މާރާމާރީ ހިންގަން ހިއްވަރު ދިނުމާއި ހުއްދަނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ.

މިއަދާއި މިރޭވެސް އިތުރު ހަތަރު މެމްބަރަކު ފުލުހަށް ހާޒިރުވާން އަންގާފަ އެވެ.