02 Aug 2017, 16:39
ޑޮލަރު ގަންނަން އަމިއްލަ ކުންފުންޏަކަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރީ އެކުންފުނިން ދޫކުރި ޗެކުގެ ސައްހަކަން ބެލުމަށް ފަހު ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ޝަރޫލޯންޗް ސާވިސްއަށް ޑޮލަރު ގަންނަން ފައިސާ ދޫކުރި މައްސަލައާ ގުޅިގެން ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ސޯލިހުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.
ޝުކޫރުގެ އިތުރުން ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑްގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
މިއަދު ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓެލްކޯއިން ޝަރޫ ލޯންޗް ސާވިސްއަށް ފައިސާ ދިނީ އެކުންފުނިން ބެންކް ގެރެންޓީ ތައްގަނޑު ޖަހާފައި ޗެކެއް ހުށަހެޅުމުން އެ ޗެކުގެ ސައްހަކަން ބެލުމަށް ފަހު ކަމަށެވެ.
"މިކުންފުނިން ޝްރޫލޯންޗް ސާވިސްއަށް ރުފިޔާ ދޫކުރެވިފައި ވަނީ އެކުންފުނިން ހުށަހަޅާފައިވާ ޗެކުގެ ސައްހަކަން އެކަށީގެންވާ ވަރަށް ބެލުމަށް ފަހު" ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެމައްސަލަ ފުލުހުންނަށާއި އޭސީސީއަށް ހުށަހެޅީ ޝަރޫ ލޯންޗް ސާވިސްއިން ދިން ޗެކުގައި މަކަރާ ހީލަތް އަދި އޮޅުވާލުން ހިމެނޭކަން ފާހަގަކުރެވިގެން ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ސްޓެލްކޯއިން ޑޮލަރު ގަންނަން ޝަރޫ ލޯންޗް ސާވިސް ޕްރައިވެޓް ލިމިޓެޑަށް 3،084،00 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އެ ފައިސާއަށްވާ ޑޮލަރު އެކުންފުނިން ދޫކޮށްފައި ނުވާތީ ސިވިލް ކޯޓުގައި ދައުވާ ކުރުމުން ކޯޓުން ހުކުމް ކޮށްފައިވަނީ ސްޓެލްކޯ އިންޝަރޫ ލޯޗް ސާވިސްއަށް ދީފައިވާ 3،084،00 ރުފިޔާ އަނބުރާ ދިނުމަށެވެ.
އޭސީސީން ސްޓެލްކޯގެ ބައެއް އިސްވެރިންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ފައިސާ ގަނެ ވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން 200,000.00 އެމެރިކާ ޑޮލަރު ގަތުމަށް ޓަކައި އެޑްވާންސްކޮށް 3,084,000.00 ރުފިޔާ ސްޓެލްކޯ އިން ޚަރަދުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާތީ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.