މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު އެމްޓީސީސީ އަށް ރެކޯޑު ފައިދާއެއް ލިބިއްޖެ އެވެ.

އެމްޓީސީސީގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ބުނާ ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 341.6 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ ކުއާޓަރުގައި އެމްޓީސީސީ އަށް ލިބުނު 306.9 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެކެވެ.

މީގެ އިތުރުން އެމްޓީސީސީން މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެވަނަ ކުއާޓަރުގައި ވަނީ ފައިދާ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. ފުރަތަމަ ކުއާޓަރުގައި 5.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނު ކުންފުނިން ދެވަނަ ކުއާޓަރުގައި ވަނީ 24.6 މިލިޔަން ރުފިޔާއަށް ފައިދާ އިތުރުކޮށްފަ އެވެ. މިއީ ޕަސަންޓޭޖުން ބަލާ ނަމަ 321 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އާމްދަނީއާއި ފައިދާ އިތުރުކުރީ އެކުންފުނީގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކަށް ވަސީލަތްތައް މޮބިލައިޒްކޮށް، ސޯސްކުރުމުގެ ޕްރޮސެސް ހަލުއި ކުރުމުގެ ސަބަބުން ކަމަށެވެ.

އެމްޓީސީސީން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގަިއ އެކުންފުނިން 61 ކޮންސްޓްރަކްޝަން މަޝްރޫއެއް މެނޭޖުކުރި ކަމަށާއި، 50 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރި ކަމަށެވެ. އަދި ފަސް މަޝްރޫއެއް ކާމިޔާބުކަމާ އެކު، ދެވަނަ ކުއާޓަރުގައި ނިންމާލާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.