21 Jul 2011, 12:25
ޑީއާރްޕީގެ ހަ ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ޑީއާރްޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ އޮފީސް [ޒެޑް ޑީއާރްޕީގެ އޮފީސް]މިއަދު ހުޅުވައިފި އެވެ.
އުމަރު ނަސީރުގެ ވޭލް ސަބްމެރިން އޮފީސް ހުންނަ އިމާރާތް، ހ. ސަކީނާ މަންޒިންގެ އަށް ވަނަ ފަންގިފިލާގައި މިއަދު މެންދުރު ޒައީމް މައުމޫންގެ އޮފީސް ހުޅުއްވައިދެއްވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒެއްތެރިއެއް ކަމަށްވާ އުމަރު ޒާހިރެވެ.
އެ ރަސްމިއްޔާތުގައި މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ އެ އޮފީހުގެ ސަބަބުން ޑީއާރްޕީގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އަތޮޅު ތެރޭގައި ދިރިއުޅުއްވާ ބޭފުޅުންނާއި މާލޭގައި އުޅުއްވާ ބޭފުޅުން އެމަނިކުފާނަށް ބައްދަލު ކުރައްވަން އެދިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މާލެ އިން ވެސް އަދި އަތޮޅުތަކުން ވެސް ވަރަށް ގިނަ ޑީއާރްޕީގެ މެންބަރުން އަޅުގަނޑާ ބައްދަލުކުރައްވަން އެދިވަޑައިގަންނަވާ. އެހެން ނަމަވެސް މިފަދަ ތަނެއް ނެތުމުގެ ސަބަބުން އަޅުގަނޑުމެންނަށް މީގެ ކުރިން އެކަންތައްތައް އެހާ ރަގަނޅަކަށް ހަމަޖައްސައެއް ނުދެވޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޒައީމް އޮފީސް މެދުވެރި ކުރައްވައި ޑީއާރްޕީގެ މެންބަރުންނަށް ބައްދަލު ކުރެއްވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ޒައީމް އޮފީސް ހުޅުއްވައި ދެއްވުމުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވަމުން މައުމޫން ވިދާޅުވީ އެ އޮފީސް ހުޅުވިގެން ދިޔައީ ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އެ ގޮތުން ޒައީމް އޮފީސް ހިންގަވަނީ ކުލި ދީގެން ކަމަށްވާތީ، އެ ކުލި ހަމަޖައްސަވައި ދެއްވާ ބޭފުޅުންނާއި އޮފީހުގެ މުވައްޒަފުންގެ މުސާރާއިގެ އިތުރުން އެހެނިހެން ކަންތައްތައް ހަމަޖައްސަވައި ދެއްވި ބޭފުޅުންނަށް މައުމޫން ޝުކުރު އަދާ ކުރެއްވެވި އެވެ. އަދި އޮފީސް ހުޅުއްވައި ދެއްވުމުގައި އުމަރު ނަސީރާއި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު އިސްކޮށް ހަރަކާތެރިވެވަޑައިގެންނެވީތީ މައުމޫން އެބޭފުޅުންނަށް ޝުކުރު އަދާކުރެވެވި އެވެ.
ޑީއާރްޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޒެޑް- ޑީއާރްޕީން ވަނީ މިއަދުން ފެށިގެން މާލޭގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފަ އެވެ. އެ ގޮތުން މިރޭ އާޓްފިޝަލް ބީޗްގައި ޒެޑް ފެކްޝަންގެ ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށާއި އެ ޖަލްސާގައި މައުމޫންގެ އިތުރުން އިދިކޮޅު އިއްތިހާދުގެ ޕާލަމެންޓްރީ މެންބަރުން ބައިވެރިވެވަޑައި ގަންނަވޭނެ ކަމަށް ޒެޑް ފެކްޝަނުން ބުންޏެވެ. އަދި އަންނަ ހޮނިހިރު ދުވަހު ޑީއާރްޕީގެ މައި ޖަގަހަގައި މިއުޒިކް ޝޯއެއް އޮންނާނެ ކަމަށާއި އާދީއްތަ ދުވަހު ލޭ ހާދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އެ ފެކްޝަނުން ބުންޏެވެ.
ޑީއާރްޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ ޖުލައި، 21، 2005 އަހަރު އެވެ.