02 Aug 2017, 15:11
މިހާރަކަށް އައިސް އިންސާނީ ކަރާމާތަށާއި ދިރިހުރުމުގެ ހައްގަށް އުނިކަން ލިބޭ ފަދަ އަމަލުތައް އިތުރުވަމުންދާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ކަންބޮޑުވުންތައް ފުލުހުންނާ ހިއްސާ ކޮށްފި އެވެ.
އެޗްއާރުސީއެމުން މިއަދު ބުނީ، ދިރިހުރުމުގެ ހައްގާއި، ތިމާގެ ހަށިގަނޑާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 21 ވަނަ މާއްދާއާއި އިންސާނީ ހައްގުތަކުގެ އާންމު ގަރާރުގެ ތިން ވަނަ މާއްދާގެ ދަށުން ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށެވެ.
އެގޮތުން އިއްޔެ ފުލުހުންނާ އެކު ބޭއްވި އެ ބައްދަލުވުމުގެ ބޭނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އެފަދަ އަމަލުތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުން ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
އަދި އެފަދަ ކަންކަން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ފުލުހުންނާއި އެޗްއާރުސީއެމުން މަޝްވަރާ ކޮށްފައިވެ އެވެ.
އެޗްއާރުސީއެމުން ބުނީ، ރައްޔިތުންނަށް ރައްކާތެރި އަމާން ވެއްޓެއް ގާއިމް ކުރުމަށް ޓަކައި ކަމާގުޅުން ހުރި އިދާރާތަކާ އެކު ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންކަހަލަ މަސައްކަތްތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.
މާލޭގައި މިހާރު ހިނގަމުންދާ ސިލްސިލާ ގްރޫޕް މާރާމާރީތަކުގައި ހަފްތާއެއްގެ ތެރޭގައި ދެ ޒުވާނަކު ވަނީ މަރާލައިފަ އެވެ. އަދި މިހާތަނަށް ފަސް މާރާމާރީއެއް ހިންގާފައިވާ އިރު ހަތް މީހަކު ވަނީ އެ މާރާމާރީތަކުގައި ޒަހަމް ކޮށްލައިފަ އެވެ.