ރާއްޖޭގެ އެންމެ ބޮޑު ލީގު ދިވެހި ޕްރިމިއާ ލީގުގެ މެއިން ސްޕޮންސަރަކަށް ރާއްޖޭގެ އެންމެ ބޮޑު އެއް މުވާސަލާތީ ކުންފުނި އުރީދޫ ހަމަޖައްސައިފި އެވެ.

މިއަދު ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމްގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން ސްޕޯންސާ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ހާން އެވެ. ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ނަޖީބް ވިދާޅުވީ މި ދަނޑިވަޅުގައި އެފްއޭއެމްއާ އެކު ވެވުނީ ހާއްސަ އެއްބަސްވުމެއް ކަމަށާއި އެކަން ހާއްސަ ވަނީ އުރީދޫ އިން ރާއްޖޭގައި ހިދުމަތްދޭތާ 12 އަހަރު ފުރޭ މުނާސަބަތާ ވެސް ގުޅޭތީ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކުޅިވަރުގެ ތެރެއިން އިޖްތިމައީ އެހީތެރިކަން ފޯރުކޮށްދެވޭތީ އެކަމަކީ ލިބޭ ފަހުރެއް ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އުރީދޫ އަކީ ފުޓްބޯޅަ އާއިލާއާ ވަރަށް ގާތް އަދި މުހިއްމު ގުޅުމެއް ބާއްވަމުން އަންނަ ކުންފުންޏެއް ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން އުރީދޫ އިން މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އުރީދޫ އިން ވަނީ މީގެ ކުރިން ވެސް ދިވެހި ލީގުގެ ނަން ޕްރިމިއާ ލީގަށް ބަދަލްކުރި ފަހުން މިދިޔަ ދެ އަހަރު ވެސް އެ ލީގް ސްޕޯންސާ ކޮށްފަ އެވެ. އަދި މިއަދު އެކުންފުނިން ވަނީ ކުރިއަށް އޮތް ތިން އަހަރުވަންދެން އެ މުބާރަތުގެ ސްޕޯންސާ ނަގައިފަ އެވެ.